ޑްރަގް މައްސަލާގައި ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓު ސިމްބޮލިކް ރެކޯޑްސްގެ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)އާއި އެކު 4 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
އެމީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި މައްސަލާގައި ޕެސްޓްގެ މައްޗަށް ފަސް ދަޢުވާއެއް އުފުލާފައި ވެއެވެ. އެއީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއާއި މަސްތުވާ ތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
މި ދަޢުވާތައް ސާބިތު ވެއްޖެ ނަމަ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޙުކުމެއް އައުން ވަރަށް ގާތެވެ.
ޑްރަގާއެކު ޕެސްޓް ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބުރުވަރީ މަހުގެ13 ވަނަ ދުވަހުގެ ރެއެވެ. އޭނާ ހައްޔަރު ކުރި އޮޕަރޭޝަންގައި އިތުރު ހަތަރު މީހަކުވެސް ހައްޔަރުކޮށްފައިވެއެވެ.
މި އޮޕަރޭޝަންގައި ފުލުހުން ވަނީ 2.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތިވެސް އަތުލައިގެންފައެވެ.
ދިވެހިންގެ ތެރޭގައި ރެޕް ލަވަ ކިޔުމުގައި ޕެސްޓް ވަނީ މަޝްހޫރުކަން ހޯދާފައެވެ. އެގޮތުން އޭނާ މަޝްހޫރުވެފައި ވަނީ "ރެޕް ކިންގް" ގެ ގޮތުގައެވެ.



