ކޮވިޑް-19: މިއަދުވެސް ޕޮޒިޓިވް އަދަދު 300 އިން މަތީގައި

ރާއްޖެއިން ކޮވިޑް-19 އަށް މިއަދު އިތުރު 328 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 3،252 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 328 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 167 މީހުން، އަތޮޅުތެރޭ ރަށްތަކުން 127 މީހުން، އަދި ރިސޯޓުތަކުން 10 މީހުންނެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 24،421 އެވެ. މިވަގުތު 3،701 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 126 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 71 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.

ރާއްޖެއިން މިއަދު އިތުރު 328 ޕޮޒިޓިވް ކޭސްއެއް ރިޕޯރޓްކޮށްފައިވާއިރު، އިއްޔެ ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 253 މީހުންނެވެ.

ރާއްޖޭއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ސަތޭކައިން ދަށުގައި ދުވަސްތަކަކު ހިފެހެއްޓިފައި އޮތުމަށްފަހު މައްޗަށް އަރަން ފަށާފައިވަނީ އޭޕްރީލް 17 ވީ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

އޭގެފަހުން ކޮވިޑް-19 ގެ ޕޮޒިޓިވް ގިނަ ކޭސްތަކެއް ކޮންމެ ދުވަހަކުވެސް ރާއްޖެއިން ރިޕޯރޓްކޮށްފައިވާއިރު، މިއީ މިފަހުން މިއަދަދު އެންމެ މައްޗަށް އެރި ދުވަހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ