މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހީމް އިސްމާއީލް - ފޮޓޯ: އައްޑޫލައިވް

މަންދުކޮލެޖަށް ދޭންޖެހޭ ބަދަލު 50 މިލިއަނަށް އަރާކަމަށް ވަނީ: ޢަލީ އާޒިމް

މަންދުކޮލެޖަށް ދޭންޖެހޭ ބަދަލު 50 މިލިއަނަށް އަރާނެކަމަށް ވިދާޅުވެ އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ ޢަލީ އާޒިމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޢަލީ އާޒިމް ފާޑު ވިދާޅުވެފައި މިވަނީ އެމްއީއެސް ހިންގި އިމާރާތުގައި ހިންގަމުން ދިޔަ މަންދު ކޮލެޖު އަތުން އެތަން އަތުލުމުން ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކޮށްފައިވަނިކޮށެވެ.

މަންދު ކޮލެޖްގެ އަތުން އެ އިމާރާތް އަތުލާފައި ވަނީ ކުރިގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މަންދު ކޮލެޖުން އެޑިޔުކޭޝަން މިނިސްޓްރީއައި އެކު ވެފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށް ބުނެއެވެ.

އެހެންކަމުން މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ މިކަމުގެ ބަދަލެއްގެ ގޮތުން 18 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކޮށްފައެވެ. ނަމަވެސް ދަޢުލަތުން އެއްބަސްވެފައިވަނީ 15 މިލިއަން ރުފިޔާ ދެއްކުމަށެވެ.

މީގެ އިތުރުން އޮޑިޓް އޮފީހުން ތައްޔާރު ކޮށްފައިވާ އެސެސްމެންޓްއެއްގައި ވާ ގޮތުން މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި އެންމެ ބޮޑުވެގެންވެސް ދައްކަން ޖެހޭނީ 1.58 މިލިއަން ރުފިޔާގެ ބަދަލެކެވެ.

އޮޑިޓް އޮފީހުން ވަނީ މަންދުކޮލެޖަށް ބަދަލުގެ ގޮތުގައި ދިނުމަށް ދެ އަދަދެއް ކަނޑައަޅާފައެވެ. އެއީ 1.27 މިލިއަން ރުފިޔާ ނުވަތަ 1.58 މިލިއަން ރުފިޔާއެވެ.

15 މިލިއަން ރުފިޔާ މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި ދިނުމަށް ހުށައަޅާފައިވާއިރު މީގެ ކުރިންވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެކިއެކި ދަޢުވާތަކާއި ގުޅިގެން ބަދަލުގެ ގޮތުގައި އެކުންފުންޏަށް 4.69 މިލިއަން ރުފިޔާ ދީފައެވެ.

މިކަމާއި ގުޅިގެން ޢަލީ އާޒިމް ވިދާޅުވީ އަދިވެސް ކުރިޔަށް އެ ކުންފުނިން ބައިވަރު ބަދަލު ހުށައަޅާފައިވާނެކަމަށާއި، އެގޮތުން ހުރިހާ ބަދަލެއް އެއްކޮށްލީމަ 50 މިލިއަނަށް އަރާފާނެކަމަށެވެ.

"މީ އަޅުގަނޑު މިބުނާ ވާހަކަ. މިކަމަށްވެސް ކޮންމެވެސް ވާހަކައެއް އެބައޮތް ދެއްތޯ؟ އަދިވެސް ކުރިޔަށް ބައިވަރު ބަދަލު ތިޔަ ކޮލެޖުން ހުށައަޅާފައިވާނެ. ހުރިހާ ބަދަލެއް އެއްކޮށްލީމަ 50 މިލިއަނަށް އަރާނެކަމަށް ވަނީ" ޢަލީ އާޒިމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ