މޫނު ބުރުގާ އަޅައިގެން ތިބޭ ކުދިން ކުލާސް ކުރިއަށްދާ ގަޑީގައި މޫނު ނެގުމަށް މަންދު ކޮލެޖުން އަނގާފައިވާ ކަމަށް އެކޮލެޖުގެ ދަރިވަރަކު ބުނެފިއެވެ.
މޫނުބުރުގައި އަޅައިގެން ކިޔަވަމުންދާ މިދަރިވަރަކަށް މަންދު ކޮލެޖުން ފޮނުވާފައިވާ އީމެއިލްގެ ސްކްރީން ޝޮޓަކާއެކު މިދަރިވަރުގެ ޝުއޫރުތަށް ވަނީ ސޯސިއަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.
އއ. ހިމަންދޫ ސުކޫލުގައި މުދައްރިސެއްގެ ވަޒީފާ އަދާކުރަމުން އަންނަ، މަންދު ކޮލެޖުގައި މަތީ ތައުލީމް ހާސިލުކުރަމުންދާ ސިމާނާ އަލީއަށް އެޑްރެސްކޮށް އެކޮލެޖުން ފޮނުވާފައިވާ އީމެއިލްގައި ބުނެފައިވަނީ، "ޝިމާނާއަށް އެކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ދިންއިރު، އޭނާއަކީ މޫނު ބުރުގާ އަޅައިގެން ހުންނަ ކުއްޖެކަމެއް ނޭނގޭ ކަމަށާއި، މޯލްޑިވްސް ކުއަލިފިކޭޝަން އެތޯރިތީގެ ޝަރުތުތަށް ބުނާގޮތުންނަމަ ހުރިހާ ދަރިވަރުންވެސް ކުލާސް ގަޑީގައި އެދަރިވަރުންގެ މޫނު ފެންނަން ޖެހޭނެ" ކަމަށެވެ. މިހެންކަމުން ކޯހުގައި ކުރިއަށްދާން ބޭނުންނަމަ ކްލާސް ގަޑީގައި މޫނު ދައްކަން ޖެހޭނެ ކަމަށާއި، އެކަން ނުކުރެވޭނަމަ ކޯހުން ވަކިވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން މަންދު ކޮލެޖުގެ ބަހެއް ހޯދުމަށް މިނޫހުން ކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އަދި މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެ ކޮލެޖުން ވިދާޅުވީ، މިކަމުގައި ބަހެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށެވެ.

މޫނު ނުނަގާނަމަ ކޯހުން ވަކިވުމަށް މަންދު ކޮލެޖުން އެންގި، ސިމާނާ މިނޫހަށް މައުލޫމާތު ދިންގޮތުގައި އޭނާ އަކީ ހިމަންދޫ ސުކޫލުގައި މިހާރުވެސް މަސައްކަތް ކުރަމުންއަން މުދައްރިސެއް ކަމަށާއި، ވަޒީފާ އަދާ ކުރަމުން އަންނަތާ މިހާރު ތިން އަހަރުވެއްޖެ ކަމަށެވެ.
"ކީކޭ ދެން ބުނާނީ، މީވެސް %100 މުސްލިމު ޤައުމެއްގައި ކިޔަވައިދޭ ތަނެއް. އެކަމު ދެރަކަމަކީ އެހެން ހުރިހާ ޔުނިވާސިޓީ ތަކުގައިވެސް މޫނުބުރުގާ އަޅައިގެން ކިޔެވޭކަން މަންދު ކޮލެޖުގައި ތިބި ބަޔަަކަށް ނޭގުނުކަން." ސިމާނާ ބުންޏެވެ.
ސިމާނާ މަންދު ކޮލެޖުގެ ބެޗްލާރސް އޮފް ޓީޗިންގައި ބައިވެރިވެފައިވަނީ އޮގަސްޓް މަހުގެ އެކޮލެޖުން އިއުލާނުކުރި ކޯހެއްގައެވެ. މި ކޯހުގެ އޮރިއެންޓޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރުދުވަހުއެވެ. އަދި މިކޯހުގެ ރެޖިސްޓްރޭޝަން ފީގެ އިތުރުން ސެޕްޓެމްބަރު އަދި ނޮވެމްބަރުމަހުގެ ފީވެސް ދައްކާފާއިވާނެ ކަމަށް އޭނާ ބުންޏެވެ.
"ކޯހުގެ އޮރިއެންޓޭޝަން ބޭއްވީ މިދިޔަ ހުކުރުދުވަހު، އެދުވަހު ކޮލެޖް މީހުނަށް މި ފެނުނީ އަޅުގަނޑު މޫނުބުރުގާ އަޅައިގެން ހުރިތަން. ހުރިހާ ގަޑިއަކު ވީޑިއޯ ޖައްސަން ޖެހުމުން. ވީޑިއޯ ޖެއްސިގަޑީ މިމީހުންނަށް އެނގުނީ އަޅުގަނޑު މޫނުބުރުގާ އަޅައިގެން ހުރިކަން، ހަމަ އެވަގުތު ކޮލެޖުން ގުޅައިފި، އޮރިއެންޓޭޝަންގައި ހުއްޓާ ކޮލެޖެ ބޭފުޅަކު ގުޅައިފި. ގުޅާފައި ބުނީ މޫނުބުރުގާ އަޅައިގެން އުޅޭކަމެއް ނޭގެއޭ ތިމަންނަ މެންނަކަށް. އަސްލު ނުވަދެވޭނެ އޯ މޫނުބުރުގާ އަޅައިގެން. ދެން އަޅުގަނޑު ބުނީ ކިހިނެއް ވެގެންހޭ ނުވަދެވޭނީ، ބުނީމަ ބުނީ އެމްކިޔުއޭ އިން ހުއްދަ ނުދޭނެއޯ މޫނު ނުފެނި ހުންނަން. ވީޑިއޯއެއްވިޔަސް ފެންނަން އިންނަން ޖެހޭނެއޯ." ކަން ހިނގާ ދިޔަގޮތް މިނޫހާ ހިއްސާކުރަމުން ސިމާނާ ބުންޏެވެ.
ސިމާނާ ބުނިގޮތުގައި މޫނު ބުރުގާ އަޅައިގެން އެހެން ކޮލެޖުތަކުގައި ބައިވަރުކުދިން ތައުލީމް ހާސިލު ކުރަމުންދާ ކަމަށާއި، ސަރުކާރުގެ ޤައުމީ ޔުނިވާރސިޓީގައިވެސް ތައުލީމް ހާސިލު ކުރަމުންދާކަންވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިމީހުންނަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާ ކަމަށާއި، މޫނު ބުރުގާ އަޅައިގެން މައްސަލަ ކުރިމަތިވަނީ ހަމައެކަނި މަންދު ކޮލެޖުގައިތޯވެސް ވަނީ ސުވާލު އުފައްދާފައެވެ.
އެމްކިއުއޭ އިންވެސް މިފަދަ އުސޫލެއް ނެރެފައި ނުވާނޭކަމަށް، އެމްކިއުއޭއިން ސިމާނާއަށް އަންގާފައިވާ ކަމަށް ސިމާނާ ބުނިއިރު، އެމްކިއުއޭ އިން ހުއްދަ ނުދެނީކަމަށްބުނެ މަންދު ކޮލެޖުން ހަދަނީ ސީދާ ކަނޑައެޅިގެން ދޮގެއްކަމަށާއި އެކަމަކީ މަންދު ކޮލެޖުގެ އަމިއްލަ ޤަވާއިދެއް ކަމަށް ސިމާނާ ބުންޏެވެ.
މިކަމާ ގުޅިގެން އެމްކިޔުއޭ ބަހެއް ހޯދުމަށް ގުޅުމުން ފޯނު ނުނަންގަވާތީ، އެތަނުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.




ހިޔާލު
ވީޑިއޯ ކޮންފަރެންސިންގައި ކިޔަވާއިރު މޫނު ފެންނަނަން ޖެހޭ ސަބަބު އެބަހުރި! އޭޓެންޑެންސް ބެލޭނީ އެއީ ކާކުކަން އެނގިގެން ކަމަށް ވާތީ! އެހެން ނޫނިއްޔާ ޝިމާނާއަށް ދެރަގޮތެއް ވެދާނެތި ކުރިން އެވާހަކަ އެބުނީ! 3 އަހަރު ވަންދެން ކިޔަވާ ނިމިގެން އެޑެންޑެންސް ހަމަނުވެ ސެޓްފިކެޓް ނުލިބުނިއްޔާ މާދެރަ ގޮތެއް އެއީ!
އަދި އެސެސްމެންޓްތަކުގައި ވެސް އެއި ޝީމާނާ ކަން އެނގޭނެ ގޮތެއް އޮންނަން ޖެހޭ!
ގައުމީ ޔުނިވަރސިޓީގައި ވެސް މޫނު ފޮރުވައިގެން އުޅޭތީ ވަރަށް ގިނަ ފަހަރު ދަތިތައް ކުދިންނަށް ދިމާވެފައި އެބަހުރި. ބައެއް ކުދިން ކޯސް ދޫކޮށްލާފައިވެސް އެބަހުރި.