ކޮވިޑް-19: މިއަދު ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވެއްޖެ

މިއަދު ރާއްޖެއިން ރެކޯޑު އަދަދަކަށް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު ރާއްޖެއިން 386 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 ގޭ ކޭސްތައް އެންމެ ގިނައިން ފެނުނު ދުވަހެވެ. އިއްޔެވެސް ރާއްޖެއިން 328 ކޭސް ފެނިފައިވާކަމަށް އެޗްޕީއޭއިންވަނީ ރިޕޯރޓްކޮށްފައެވެ.

މިއާއެކު ރާއްޖޭގައި މިވަގުތު ހުރި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ ހަތަރުހާހުން މައްޗަށް ޖެހިލާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅެތެރޭގެ ރަށްތަކުގެ ގިނަ ކޭސްތަކެއް ހިމެނިފައިވާއިރު، އަތޮޅުތެރޭ ރަށްތަކުން 198 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 3،289 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 386 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 105 މީހުން، އަތޮޅުތެރޭ ރަށްތަކުން 198 މީހުން، އަދި ރިސޯޓުތަކުން 6 މީހުންނެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 24،499 އެވެ. މިވަގުތު 4،009 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 119 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 71 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.

އަތޮޅު ތެރޭގެ ކޭސްތަކަށް ބަލާލާއިރު މާލެ ފިޔަވައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ލ.މާންދޫއިންނެވެ. އެރަށުން 77 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ކ.މާފުށިން މިއަދު 62 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ. ތިންވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އއ.މަތިވެރިންނެވެ. އެރަށުން މިއަދު ޕޮޒިޓިވްވެފައިވަނީ 46 މީހުންނެވެ.

މީގެއިތުރުން ބ.އޭދަފުށިން މިއަދު 30 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ޅ.ނައިފަރުން 21 މީހަކު ޕޮޒިޓިވްވެފައިވާކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ