ސާމްޕަލް ނެގުމުގައި އޮފިޝަލުން ހަރަކާތްތެރިވަނީ / ފޮޓޯ: ކުރިނބީ ހެލްތް ސެންޓަރ

ކޮވިޑް-19: ޕޮޒިޓިވް އަދަދު އަދިވެސް މައްޗަށް، މިއަދު 464 މީހުން

މިއަދު ރާއްޖެއިން ރެކޯޑު އަދަދަކަށް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު ރާއްޖެއިން 464 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 ގޭ ކޭސްތައް އެންމެ ގިނައިން ފެނުނު ދުވަހެވެ. އިއްޔެ ރާއްޖެއިން 386 ކޭސް ފެނިފައިވާކަމަށް އެޗްޕީއޭއިންވަނީ ރިޕޯރޓްކޮށްފައެވެ. އަދި އިއްޔެގެ ކުރީ ދުވަހުގެ އަދަދަކީ 328 ޕޮޒިޓިވް ކޭސްއެވެ.

މިއަދު ފެނުނު ކޭސްތަކާއެކު ރާއްޖޭގައި މިވަގުތު ހުރި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 4396 އަށް ޖެހިލާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ވެރިރަށް މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 207 ކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 3،948 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 464 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 207 މީހުން، އަތޮޅުތެރޭ ރަށްތަކުން 146 މީހުން، އަދި ރިސޯޓުތަކުން 14 މީހުންނެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 24،575 އެވެ. މިވަގުތު 4،396 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 122 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 72 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.

އަތޮޅު ތެރޭގެ ކޭސްތަކަށް ބަލާލާއިރު މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގެ ތެރެއިން މިިއަދު އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ ބ. އޭދަފުށިންނެވެ. އެގޮތުން އެރަށުން އިތުރު 38 ކޭސް މިއަދު ފެނިފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ. މީގެއިތުރުން ކ.ހިންމަފުށިން 28 ކޭސް، ޅ.ނައިފަރުން 19 ކޭސް އަދި ލ.ގަމުން ކޮވިޑުގެ އިތުރު 18 ކޭސް މިއަދު ފެނިފައިވާކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ