2017 ވަނަ އަހަރު ރިލީޒް ކުރި "ބާހްބަލީ: ދަ ކޮންކްލޫޝަން" އަށް ފަހު ޕްރަބާސް ސްކްރީނަށް އަންނަ ފުރަތަމަ ފިލްމް "ސާހޯ"ގެ ޓީޒާ ޓްރެއިލާ މިދިޔަ އާދިއްތަ ދުވަހު ދައްކާލައިފިއެވެ.
ޕްރަބާސްއާއި އެކު ބޮލީވުޑްގެ ކުޅަދާނަ ބަތަލާ "ޝްރައްދާ ކަޕޫރު" ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ވަރުގަދަ އެކްޝަން ތްރިލާ ފިލްމެކެވެ.
އެއް މިނެޓާ ސާޅިސް ސިކުންތުގެ މި ޓީޒާ ޓްރެއިލާއިން ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނައިރު، ކަނޑު އަޑީގެ މަންޒަރުތަކެއްވެސް ފެނިގެންދެއެވެ.
ފިލްމް ގެ ބަތަލާ ޝްރަދާގެ އެކްޝަން މަންޒަރުތަކެއްވެސް މި ޓީޒާއިން ފެންއިރު، މި ފިލްމުގައި އޭނާ ކުޅޭނީ ޑަބަލް ރޯލެކެވެ. އެއީ މަޑުމައިތިރި މީހެއްގެ ރޯލާއި ސްޓަންޓް ހަދާ މީހެއްގެ ރޯލެވެ.
ތެލެތޫ ޑައިރެކްޓަރ "ސުޖީތު"ގެ ވާހަކައެއްގެ މައްޗަށް އޭނާ ޑައިރެކްޓްވެސް ކޮށްފައިވާ މި ފިލްމް، ހިންދީ، ތެލުގޫ އަދި ޓެމިލް ބަހުން ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ އޮގަސްޓު 15 ގައި "ސާހޯ" ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ސަޕޯޓިން ރޯލުތަކުން ނީލް ނިތިން މުކޭޝް، ތަމަޅަ ފިލްމުތަކުން ފެނިގެންދާ އަރުޖުން ވިޖޭގެ އިތުރުން ޖެކީ ޝްރޯފް ވެސް ފެނިގެންދެއެވެ.
ގިނަ ކާސްޓެންތަކެއް ހިމަނައިގެން އުފައްދަ މި ފިލްމަކީ 300 ކްރޯޑް ރުޕީސް (43,032,000 ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.



