ވީއެންމެ އަވަހަކަށް އިންޑިއާގައި ތިބި އެމެރިކާގެ ރައްޔިތުން އެގައުމު ދޫކޮށް ދިއުމަށް އެމެރިކާއިން ގޮވާލައިފިއެވެ.
އެމެރިކާގެ އެމްބަސީއިން ބުނެފައިވާގޮތުގައި ކޮވިޑް-19ގެ ސަބަބުން އިންޑިއާގައި ސިއްހީ ހިދުމަތްތައް ހޯދުން މިވަގުތަށްވަނީ ދަތި އުނދަގޫ ކަމަކަށް ވެފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ޓްރެވަލް އެޑްވައިސަރީގައި ބުނެފައިވަނީ އިންޑިއާއަށް ދަތުރު ނުކުރުމަށާއި އަދި އިންޑިއާގައި ތިބި އެގައުމުގެ ރައްޔިތުން އިންޑިއާއިން ފޭބުމަށެވެ. ސްޓޭޓް ޑިޕާޓްމެންޓުންވަނީ ލެވެލް 4ގެ އެޑްވައިސަރީ ނެރެފައެވެ. މިއީ ޓްރެވަލް އެޑްވައިސަރީގެ އެންމެމަތީ ލެވެލްއެވެ.
އިންޑިއާއިން އިއްޔެ އެކަނިވެސް 379,257 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. މިއީ މުޅި ދުނިޔޭގެވެސް ރިކޯޑެކެވެ. ދުނިޔޭގެ އެހެން ގައުމަކުން އެއްދުވަހެއްގެ ތެރޭ މިހާ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެއް ނުވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން މުޅި އިންޑިއާގެ ސިއްހީ ނިޒާމަށްވަނީ ބާރު ބޮޑުވެ ބޭރުގެ އެހީތެރިކަމަށް ބޭނުން ވެފައެވެ. އިންޑިއާގައި ކޮންމެ ދުވަހަކުވެސް އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން ކޮވިޑް-19 ގައި ގިނަބަޔަކު އައްނަނީ މަރުވަމުންނެވެ.
އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 200،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.




