ސިޔާސީ ޓްވީޓް ބަލައެއް ނުގަނެވޭ، މުވައްޒަފަށް ފިޔަވަޅު އަޅާނަން - ފެނަކަ

ސަރުކާރުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަޜޭޝަން ލިމިޓެޑްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ސިޔާސީ ޓްވީޓްކުރަން ބަލައި ނުގަނެވޭކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުގެ ރަސްމީ ޓްވިޓަރ އެކައުންޓުން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، "ޖޭއެސްސީ އަކީ ކޯޓުތަކުގެ މައްސަލަ ބަލަން ޤާނޫނު އަސާސީން ބަޔާންކުރާ ކޮމިޝަންތޯ؟" އެވެ.

މިކަމާ ގުޅިގެން ރޭ ފެނަކައިން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ، އެކުންފުނީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުންފުނީގެ މަސައްކަތާ ނުގުޅޭ، އަދި އެއްވެސް ގޮތަކަށް އެކަށީގެން ނުވާ ޓްވީޓެއް ކުރި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ބަލާފައިވާ ކަމަށެވެ.

"އެކަން ހިނގާފައިވާ ގޮތް ބެލި ބެލުމުން، އެކަމަކީ ޓްވިޓަރ ހޭންޑަލް ޙަވާލުކުރެވިފައިވާ މުވައްޒަފު، އޭނާގެ އަމިއްލަ ޓްވިޓަރ އެކައުންޓުން ޓްވީޓެއް ކުރަން އުޅުމުގެ ތެރޭގައި ދިމާވެފައިވާ ކަމެއްކަން ވަނީ ދެނެގަނެވިފައި." ފެނަކަ އިން ވިދާޅުވިއެވެ.

ފެނަކަ އިން ވިދާޅުވީ، އެކަން އެހެން ހިނގާފައިވާތީ، އެމުވައްޒަފާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު ކުންފުނިން އަޅާނެ ކަމަށެވެ.

"މިބާވަތުގެ ކަންކަމަކީ ކުންފުނީގެ މެނޭޖްމަންޓުން އެއްވެސް ޙާލެއްގައި ބަލައިގަނެ، އަދި ތަރުޙީބުދޭ ކަމަކަށް ނުވާތީ އެންމެހައި ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން." ފެނަކަ ކޯޕަޜޭޝަނުން ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓުގެ ޚިދުމަތް އަދި ބައެއް ރަށްތަކަށް ބޯފެނާއި، ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ސަތޭކަ އިންސައްތަ ސަރުކާރު ޙިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރުވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް