ހއ. ދިއްދޫ

ކޮވިޑް-19: ދިއްދޫއިން އިތުރު 14 ޕޮޒިޓިވް ކޭސް

ހއ. ދިއްދޫ އިން އިތުރު 14 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު އެރަށުން ޕޮޒިޓިވްވި 14 މީހުންނަކީ ހޮނިހިރު ދުވަހު އެރަށުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުން ކަމަށް އެރަށު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ދިއްދޫއިން އިއްޔެ ފެނުނު ކޮވިޑްގެ ކޭސްއާއި ގުޅިގެން އެރަށް މޮނިޓަރިންގއަށް ލާފައިވާއިރު، އިއްޔެ އެރަށުން ޕޮޒިޓިވްވެފައިވަނީ އަލާމަތް ހުރެގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އަދި މަޢުލޫމާތު ލިބޭގޮތުގައި މިމީހާއަކީ ގިނަ މީހުންނާއި ބައްދަލުވާ ތަނެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. މިމީހާއަކީ މިފަހުން ދަތުރެއް ވެސް ނުކޮށް އާންމުކޮށް ރަށުގައި ހުންނަ މީހެއްކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ދިއްދޫއިން ފެނުނު މިކޭސްއާއި ގުޅިގެން އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ރޭވަނީ 28 މީހެއްގެ ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 14 މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާއިރު އަނެއް 14 މީހުންގެ ސާމްޕަލްވަނީ ނެގެޓިވްވެފައެވެ.

ދިއްދޫއިން އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ފްލޫ ކްލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވްވެ، ހދ.ކުޅުދުއްފުއްޓާއި އއ.ހިމަންދޫވެސް މިއަދުވަނީ މޮނިޓަރިންގއަށް ލާފައެވެ. ކުޅުދުއްފުށިން ތިން މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އެރަށުން ޕޮޒިޓިވްވެފައިވަނީ ފްލޫ ކްލިނިކަށް ދައްކާ ޓެސްޓް ކުރި މީހަކާއި އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހެކެވެ. އަދި ހިމަންދޫއިންވެސް ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ނެތް މީހެކެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ އަލާމަތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކުމުންނެވެ.

ރާއްޖޭގެ ކޯވިޑް ހާލަތު ގޯހުން ގޯހަށް ދިޔުމުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އެޗްޕީއޭއިން މިހާރުވަނީ މަނާކޮށްފައެވެ.

ކޮވިޑާއި ގުޅިގެން އަތޮޅުތެރޭގެ 25 ރަށެއް މިހާރުވެސް އޮތީ މޮނިޓަރިންގގައެވެ. އެރަށްތަކަކީ ޅ.ނައިފަރު، އދ.މާމިގިނލި، ތ.ވޭމަންޑޫ، ތ.މަޑިފުށި، އއ.ބޮޑުފޮޅުދޫ، ބ.އޭދަފުށި، ކ.ހިންމަފުށި، ކ.ގުޅި، ކ.މާފުށި، އއ.މަތިވެރި، ލ.މާންދޫ، ލ.ގަން، ލ.ފޮނަދޫ، ގދ.ތިނަދޫ، އއ.އުކުޅަސް، ކ.ތުލުސްދޫ، ލ.ދަނބިދޫ، އއ.ރަސްދޫ، މ.ކޮޅުފުށި، އައްޑޫސިޓީ، އދ.ދަނގެތި، ހއ. ދިއްދޫ، ފ.ފީއަލި އަދި ހދ.ކުޅުދުއްފުށީގެ އިތުރުން އއ.ހިމަންދޫއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ