ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޛު އަޙްމަދު ޝަކީލުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަޙްޤީޤްކުރަން ފަށައިފިއެވެ.
ޖޭއެސްސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މީހެއްގެ ބަންދާމެދު ގޮތް ނިންމުމުގައި ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޛު އަޙްމަދު ޝަކީލު ޢަމަލުކުރިކަމަށް ބުނާ މައްސަލައެއް ތަހްގީގުކުރަން ފަށައިފައިވާ ކަމަށެވެ.
މިމައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީ އިން ނިންމައިފައިވަނީ 2021 އޭޕްރިލް 28 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 34 ވަނަ ޖަލްސާގައެވެ.
މީގެކުރިން ވެސް، ޝަކީލްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލައި، އޭނާ ކުއްލި ގޮތަކަށް ކްރިމިނަލް ކޯޓުން ފެމެލީ ކޯޓަށް ބަދަލުކުރި އެވެ. އެއީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ކުރިމިނަލް ކޯޓުން ބޭރުކުރުމާ އެކު އައި ފިޔަވަޅެކެވެ.
ގާޒީ އަޙްމަދު ޝަކީލު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފްޝަރީޢާ އަދި ޝަރީޢާ އިން މާސްޓަރސް ހާޞިލް ކުރައްވާފައެވެ. މީގެ އިތުރުން އަޙްމަދު ޝަކީލަކީ ފަނޑިޔާރުކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ކުރިން މަސައްކަތްކުރެއްވި ކޯޓުތަކުގެ ތެރޭގައި ޖުވެނައިލް ކޯޓާއި، ސިވިލް ކޯޓު އަދި ފެމިލީ ކޯޓާއި ކްރިމިނަލް ކޯޓު ހިމެނެއެވެ.




