ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމާއެކު، ބޭންކ އޮފް މޯލްޑިވްސް ހުޅުވާ ދުވަސްތައް މަދުކޮށް، ހަމައެކަނި ހޯމައާއި ބުދަ ދުވަހު ހުޅުވާގޮތަށް ނިންމައިފިއެވެ.
އެގޮތުން ބީއެމްއެލްއިން ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި އެމް.އެމް.އޭ ގެ އިއުލާނާއި އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްދިނުމަށްޓަކައި 5 މެއި އިން ފެށިގެން 15 މެއި 2021 އާ ހަމަޔަށް ބޭންކު ހުޅުވިފައި ހުންނަ ދުވަސްތަކަށް ބަދަލު ގެނެވިފައިވާކަމަށެވެ.
އަދި ބީއެމްއެލްއިން ބުނި ގޮތުގައި މި މުއްދަތުގައި ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗް ތަކާއި ސަރވިސް ސެންޓަރތައް ހުޅިވިފައި ހުންނާނީ ހޯމަ ދުވަހާއި ބުދަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:00 އާއި ހަމައަށެވެ.
މީގެއިތުރުން އަސާސީ ހިދުމަތްތައް ފޯރިކޮށްދިނުމަށް ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާކަމަށާއި، ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެކަމަށްވެސް އެބޭންކުން ބުނެއެވެ.
މާލޭ ސިޓީގައި ބޭންކިންގ ހިދުމަތް ހޯއްދެވުމަށް ކިއުބް އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގަން ޖެހޭއިރު އަދި ހިދުމަތް ހޯއްދެވުމަށް ބޭންކަށް ވަޑައިގެންނެވުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިއްބެވި ކަސްޓަމަރުންގެ އަދަދު ޗެކްކުރުމަށްވެސް ބީއެމްއެލްއިންވަނީ އެދިފައެވެ.
އަދި ބޭންކުން ބުނީ އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށްކަމަށާއި، ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެކަމަށެވެ.
ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، މާދަމާއިން ފެށިގެން މާލޭ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައްވަނީ 10 ދުވަހުގެ މުއްދަތަކަށް ބަންދު ކުރެވިފައެވެ.
								
											

