ރާއްޖެއިން މިއަދު ކޮވިޑް-19 ޕޮޒިޓިވްވި މީހުންގެ އަދަދު 600 އިން މައްޗަށް އަރައިފިއެވެ.
މިއަދު ރާއްޖެއިން 601 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 500 އިން މަތީގައި އުޅޭތާ މިއީ ތިންވަނަ ދުވަހެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 585 މީހަކެވެ. އަދި އޭގެ ކުރިން ދުވަހު 508 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިންވަނީ ރިޕޯރޓްކޮށްފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 6،508 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 601 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 440 މީހުން، އަތޮޅުތެރޭ ރަށްތަކުން 141 މީހުން، އަދި ރިސޯޓުތަކުން 19 މީހުންނެވެ.
މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،340 އެވެ. މިވަގުތު 6،508 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 181 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 74 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.
✳️ COVID-19 : Case Updates pic.twitter.com/85VbSJ6VxD
— Health Protection Agency (@HPA_MV) May 4, 2021
ދުވަހެއް ދުވަހަކަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރ،ު މިއީ މިފަހަކަށް އައިސް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.
ރާއްޖޭގެ ކޯވިޑް ހާލަތު ގޯހުން ގޯހަށް ދިޔުމުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އެޗްޕީއޭއިން މިހާރުވަނީ މަނާކޮށްފައެވެ. މީގެއިތުރުން މާދަމާއިން ފެށިގެން ކޮވިޑް ކޮންޓްރޯލްކުރުމަށް މާލޭ ސަރަޙައްދުގައި ހަރުކަށި ފިޔަވަޅުތައް އެޅުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ. 10 ދުވަހުގެ ނިޔަލަށް ދެމިގެންދާ މިފިޔަވަޅު ތަކަކީ:
- ސްކޫލްތަކުގައި ހަމައެކަނި އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިއުން.
- ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުން.
- ޕާކުތަކާއި، މައިދާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ދުވާ ޓްރެކްތަކާއި، ޓްރެކްތައް ބަންދުކުރުން.
- ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓާލުން.
- މިސްކިތްތަކުގައި ނަމާދު ކުރާއިރު ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުން.
- ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަށް ވެހިކަލް ދުއްވުން މަނާކުރުން.
- ހުއްދަޔާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ދިރިއުޅޭ ރަށް ރަށާއި ސިނާއީ، މަސައްކަތްކުރާ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން.
- ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލުން.
- އިންޑިޔާއިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕާރމިޓް ހޯލްޑަރސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކޮށް ޕީ.ސީ.އާރު ޓެސްޓްއެއް ހެދުން. ހިމެނެއެވެ.
ކޮވިޑާއި ގުޅިގެން އަތޮޅުތެރޭގެ 26 ރަށެއް މިހާރުވެސް އޮތީ މޮނިޓަރިންގގައެވެ. އެރަށްތަކަކީ ޅ.ނައިފަރު، އދ.މާމިގިނލި، ތ.ވޭމަންޑޫ، ތ.މަޑިފުށި، އއ.ބޮޑުފޮޅުދޫ، ބ.އޭދަފުށި، ކ.ހިންމަފުށި، ކ.ގުޅި، ކ.މާފުށި، އއ.މަތިވެރި، ލ.މާންދޫ، ލ.ގަން، ލ.ފޮނަދޫ، ގދ.ތިނަދޫ، އއ.އުކުޅަސް، ކ.ތުލުސްދޫ، ލ.ދަނބިދޫ، އއ.ރަސްދޫ، މ.ކޮޅުފުށި، އައްޑޫސިޓީ، އދ.ދަނގެތި، ހއ. ދިއްދޫ، ފ.ފީއަލި، ހދ.ކުޅުދުއްފުށި އަދި އއ.ހިމަންގެ އިތުރުން ކ.ގުރައިދޫއެވެ.




