ކޮވިޑް ޖެހިފައިވާ އެއްވެސް މުވައްޒަފެއް އޮފީހުގެ މަސައްކަތަށް ނުނެރޭކަމުގައި ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިހެން ވިދާޅުވީ ކޮވިޑް-19 އަށްޕޮޒިޓިވް ވެފައިވާ މުވައްޒަފުންލައްވާ ހެލްތް މިނިސްޓްރީން މަސައްކަތް ކުރުވަމުން އަންނަކަމަށް ބުނާ އަޑު ފެތުރިފައިވަނިކޮށެވެ.
އެގޮތުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައިވެސް ނޫސްވެރިން ވަނީ އެސުވާލު ކުރިމަތިކޮށްފައެވެ.
މިކަމާއި ގުޅިގެން ހެލްތް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ މިނިސްޓްރީގައި ކޯވިޑް-19އަށް ޕޮޒިޓިވް މުވައްޒަފުންތަކެއް ލައްވާ މަސައްކަތް ކުރައްވާ ކަމުގެ މައުލޫމާތު ލިބެމުންދާކަމަށް މިއަދުގެ ޕްރެސްގައި ބައިވެރިވި ނޫސްވެރިއަކު ވިދާޅުވުމުން އެކަން ދޮގު ކުރައްވާފައެވެ.
އެ މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮންޓެކްޓް ޓްރޭސިންގނަށް ކަރަންޓީން އަދި އައިސޮލޭޝަން ކުރުމަށް ގެންގުޅޭ މިންގަނޑަށް ފެތޭ އެއްވެސް މުވައްޒަފަކު އޮފީހަށް ނެރެގެން މަސައްކަތްކުރުވާފައި ނުވާނެކަމަށެވެ.
މިގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވާ ފަރާތްތަކާއި ކޮންޓެކްވާ ފަރާތްތަކަށް އަމަލުކުރަންޖެހޭ އުސޫލާ އެއްގޮތަށް އެމިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމުގައިވެސް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުން އަންނަނީ މިހާރުއެވެ. އެގޮތުން މިހަރުގެ އަދަދު500 އަށް އަރަމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ވަރަށް ބޮޑަށް ވަނީ މި ބަލި ފެތުރިފައެވެ.
ޕޮޒިޓިވްވާ އަދަދު މަތިވުމާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފަިއވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، ސްކޫލްތަކައި ސަރުކާރު އޮފީސްތައްވެސް ނުހުޅުވާގޮތަށް މިހާރު ވަނީ ނިންމާފައެވެ.




