އިންޑިއާގެ ސްޓޭޓް އިންތިހާބަށްފަހު ހިނގި ހަމަނުޖެހުންތަކުގައި 17 މީހުން މަރުވެއްޖެ

އިންޑިއާގެ ހުޅަނގު ބެންގޯލުގައި ކުރިއަށްދިޔަ ސްޓޭޓް އިންތިހާބަށްފަހު ހިނގި ހަމަނުޖެހުން ތަކުގައި 17 މީހުން މަރުވެފައިވާކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން މައުލޫމާތު ދީފިއެވެ.

މައުލޫމާތު ލިބޭގޮތުގައި އިންތިހާބަށްފަހު ހިނގި ހަމަނުޖެހުންތަކުގައި މަރުވެފައިވަނީ ޓްރިނަމޫލް ކޮންގްރެސް (ޓީއެމްސީ) އަދި ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ މެންބަރުންނެވެ. ހުޅަނގު ބެންގޯލުގެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ ޓީއެމްސީއެވެ.

ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ އިންތިހާބުގެ ނަތީޖާ ހާމަކުރުމާއެކު ކަމަށް ލޯކަލް މީޑިއާތަކުން މައުލޫމާތު ދޭއިރު ފުލުހުންބުނީ ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށެވެ. ޓީއެމްސީ އިން ހުޅަނގު ބެންގޯލުގެ ސްޓޭޓް އިންތިހާބު ކާމިޔާބުކުރި މިއީ ތިންވަނަ ފަހަރެވެ.

ބީޖޭޕީ އިން ތުހުމަތުކުރާ ގޮތުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ޓީއެމްސީ ޕާޓީގެ މެންބަރުން ބީޖޭޕީގެ މެންބަރުންނަށް އަމާޒުކޮށް ހަމަލާތައް ދިނުމުންނެވެ. ނަމަވެސް މި ތުހުމަތުތައް ޓީއެމްސީ އިން ދޮގުކުރެއެވެ.

އިންތިހާބަށްފަހު ހިނގި ހަމަނުޖެހުން ތަކުގައި ދެޕާޓީއަށް ނިސްބަތްވާ މީހުންގެ މުދަލަށާއި ވިޔަފާރިތަކަށްވެސް ގެއްލުންދީފައި ވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ