އެއްފަހަރު ބޭނުން ކޮށްފައިވާ ނޭސަލް ސްވޮބްތަކެއް ވިއްކި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

އެއްފަހަރު ބޭނުން ކޮށްފައިވާ ނޭސަލް ސްވޮބްތަކެއް ވިއްކި މައްސަލައިގައި އިންޑޮނޭޝިއާއިން ބަޔަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑޮނޭޝިއާގެ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ކިމިއާ ފާމާގެ މުވައްޒަފުންތަކެކެވެ. މި މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި އެ ކުންފުނީގެ މެނޭޖަރެއް ވެސް ހިމެނެއެވެ.

ފުލުހުންބުނީ އެއްފަހަރު ބޭނުން ކުރުމަށްފަހު ދޮވެ، އަލުން ވިއްކި މި ނޭސަލް ސްވޮބްތައް މެޑަންގެ އެއާޕޯޓެއްގައި ބޭނުންކޮށްފައިވާ ކަމަށެވެ. މިގޮތުން އެ އެއާޕޯޓުން ދަތުރުކުރި 9،000 ފަސިންޖަރުން މި ނޭސަލް ސްވޮބްތަކުން ކޮވިޑް-19 ޓެސްޓުކޮށްފައިވާކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުން ގަބޫލުކުރާ ގޮތުގައި މިދިޔައަހަރުގެ ޑިސެމްބަރުމަހުން ފެށިގެން ކިމިއާ ފާމާއިން އައްނަނީ މިފަދަ އެއްފަހަރު ބޭނުން ކޮށްފައިވާ ނޭސަލް ސްވޮބްތައް ބޭނުން ކޮށްގެން މެޑަންގައި އޮންނަ ކުއަލަނަމޫ އެއާޕޯޓުގެ ފަސިންޖަރުން ކޮވިޑް-19 އަށް ޓެސްޓު ކުރަމުންނެވެ. ކޮވިޑް-19 އާއި ގުޅިގެން އެއްގައުމުން އަނެއްގައުމަށް ދަތުރުކުރުމުގެ ކުރިން ކޮވިޑް-19 އަށް ގިނަ އެއާލައިންތަކަކުން އެ އެއާލައިންތަކުގެ ފަސިންޖަރުން ޓެސްޓު ކުރެއެވެ.

ކިމިއާ ފާމާގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ބަޔެއް ދަތުރުވެރިންގެ ޝަކުވާއާއި ގުޅިގެންނެވެ. މި ދަތުރުވެރިން ޝަކުވާ ކޮށްފައިވަނީ ރަނގަޅުނޫން ކޮވިޑް ޕޮޒިޓިވް ނަތީޖާ ލިބޭކަމަށް ބުނެއެވެ. މިމައްސަލައިގެ ތަހުގީގަށް ފުލުހުން ސައިޓަށް ގޮސް ކުރި މަސައްކަތުން ފަޅާއަރައިފައިވަނީ އެއްފަހަރު ބޭނުން ކޮށްފައިވާ ނޭސަލް ސްވޮބްތައް ދޮވުމަށްފަހު އަނެއްފަހަރުވެސް ބޭނުންކުރާ ކަމެވެ.

އިންޑޮނޭޝިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ވަގުވިޔަފާރީގެ ފައިދާއަށް މިކަމުގައި ބައިވެރިވި ފަރާތްތަކުންވަނީ 124،800 ޑޮލަރުގެ މަންފާއެއް ހޯދައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ