ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ގެނެސްފައިވާ ކޭބަލްތައް ވަގަށް ނަގާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.
އެޗްޑީސީން ބުނީ، މި ކަރަންޓު ކޭބަލްތައް ވަގަށް ނެގުމަކީ ޝެޑިއުލްކޮށްފައިވާ މުއްދަތަށް ކަރަންޓުގެ މަސައްކަތް ނިންމަން އެތައް ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ އޮޑިޓް ޓީމުންނާއި ފުލުހުން ގުޅިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް އެކޯޕަރޭޝަނުންވަނީ ބުނެފައެވެ.
އެޗްޑީސީން ބުނިގޮތުގައި ކަރަންޓު ކޭބަލްތައް ގެއްލިފައިވަނީ ކަރަންޓު ލުމުގެ މަސައްކަތް ފެށިފައިވަނިކޮށެވެ. އެގޮތުން ޖޫން މަހު މީހުންނަށް ވަދެވޭވަރު ކުރަން ތާވަލްކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ކަރަންޓް ދިނުން ހިމެނޭ ކަމަށްވެސްވަނީ ބުނެފައެވެ.
އެހެންނަމަވެސް ހިޔާ ފްލެޓްތަކަށް މީހުން ވަނުމުގެ ކުރިން ގާއިމުކުރަން ޖެހޭ އަސާސީ ހިދުމަތްތައް ހުއްޓުމަކަށް ނުގެނެސް ތާވަލުގައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
މިވައްކަމުގައި އެޗްޑީސީގެ އިސް މުވައްޒަފުންތަކެއް ބައިވެރިވާ ކަމަށްވެސް ތުހުމަތުތަކެއްވަނީ ކުރެވިފައެވެ.
މީގެއިތުރުން މިވައްކަމުގައި އެޗްޑީސީގެ މުވައްޒަފެއްގެ ބައިވެރިވުން އޮތް ކަމަށް ވާނަމަ ފިޔަވަޅު އަޅަން ފަސް ނުޖެހޭނޭ ކަމަށް އެކޯޕަރޭޝަނުން ބުނެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.




