ރާއްޖެއިން މިއަދު ކޮވިޑް-19 ޕޮޒިޓިވްވި މީހުންގެ އަދަދު 700 އިން މައްޗަށް އަރައިފިއެވެ.
ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވެފައިވާއިރު، ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 734 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 4،787 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 734 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 540 މީހުން، އަތޮޅުތެރޭ ރަށްތަކުން 186 މީހުން، އަދި ރިސޯޓުތަކުން 07 މީހުންނެވެ.
މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،473 އެވެ. މިވަގުތު 7،109 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 198 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 74 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.
✳️ COVID-19 : Case Updates pic.twitter.com/eLqF6fv8oC
— Health Protection Agency (@HPA_MV) May 5, 2021
ދުވަހެއް ދުވަހަކަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރ،ު މިދިޔަ 5 ދުވަހު ރާއްޖެއިން 2،830 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގެ ކޯވިޑް ހާލަތު ގޯހުން ގޯހަށް ދިޔުމުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އެޗްޕީއޭއިން މިހާރުވަނީ މަނާކޮށްފައެވެ. މީގެއިތުރުން މާދަމާއިން ފެށިގެން ކޮވިޑް ކޮންޓްރޯލްކުރުމަށް މާލޭ ސަރަޙައްދުގައި ހަރުކަށި ފިޔަވަޅުތައް އެޅުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ. 10 ދުވަހުގެ ނިޔަލަށް ދެމިގެންދާ މިފިޔަވަޅު ތަކަކީ:
- ސްކޫލްތަކުގައި ހަމައެކަނި އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިއުން.
- ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުން.
- ޕާކުތަކާއި، މައިދާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ދުވާ ޓްރެކްތަކާއި، ޓްރެކްތައް ބަންދުކުރުން.
- ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓާލުން.
- މިސްކިތްތަކުގައި ނަމާދު ކުރާއިރު ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުން.
- ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަށް ވެހިކަލް ދުއްވުން މަނާކުރުން.
- ހުއްދަޔާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ދިރިއުޅޭ ރަށް ރަށާއި ސިނާއީ، މަސައްކަތްކުރާ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން.
- ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލުން.
- އިންޑިޔާއިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕާރމިޓް ހޯލްޑަރސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކޮށް ޕީ.ސީ.އާރު ޓެސްޓްއެއް ހެދުން. ހިމެނެއެވެ.




