ޅ. ނައިފަރު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޕޮޒިޓިވުވެގެން ފަރުވާދެމުންދިޔަ އުމުރުން ދުވަސްވީ ދިވެހި ފިރެހެނަކު ނިޔާވެއްޖެއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މީޑިއާ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށެވެ.
މިއަދު 12:30 ގައި ނިޔާވި މި މީހާއާއަކީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 76 ވަނަ މީހާއެވެ. މިބަލީގައި ރޭވެސްވަނީ މީހަކު ނިޔާވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 77 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވެފައިވާއިރު، ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އުޅެނީ 400 އިން މަތީގައެވެ.
އެގޮތުން އިއްޔެ އެކަނިވެސް، 734 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވަނީ ހާމަކޮށްފައެެވެ.




