ރައީސް ނަޝީދުއަށް ދިން ނިރުބަވެރި ހަމަލާ އިކޮޅުން ކުށްވެރިކޮށްފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް މިރޭ ދިން ނިރުބަވެރި ހަމަލާ އިކޮޅުން ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.

އެކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސް ނަޝީދުގެ ގެކޮޅު ކައިރިން އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ޙަޤީޤަތް ހޯދުމަށް އަވަސް ތަޙުޤީޤެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާ ތަކަށް ގޮވާލާކަމަށެވެ.

"ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މި ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި ސްޓިއަރިންގ ކޮމިޓީތަކާއި އާންމު މެންބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް،  އެމަނިކުފާނަށް އަމާޒުކޮށް ދީފައި މިވާ ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އެކޯލިޝަންގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން އެ ޢަމަލު ރާވާ ހިންގުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތައް ހޯދާ ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޤާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް އިދިކޮޅު ކޯލިޝަނުންވަނީ ގޮވާލާފަައެވެ.

މިރޭ މަޖިލިސް ރައީސް ދިރިއުޅުއްވާ ގ. ކެނެރީގޭ ބޭރުގައި އެއްޗެސް ގޮއްވާލާފައި ވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އަދި އެ ގޮވުމުގެ ސަބަބުން އެމަނިކުފާނަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލުގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

ރައީސް ނަޝީދުގެ އިތުރުން ބިދޭސީއަކަށް ވެސް މިހަމަލާގައި އަނިޔާވެފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ހަމަލާދިން ސަރަހައްދުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދާއިރު ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ އެއްވެފައެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ