މުޅި ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން ދާ ކޮވިޑް-19 ގައި ނިޔާވި މީހުންގެ އަދަދު 81 އަށް އަރައިފިއެވެ.
ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަ ކުރައްވާފައިވާ ގޮތުގައި މެއި 06 ވަނަ ދުވަހު ވަނީ ކޮވިޑް ޖެހިގެން 7 މީހަކު ނިޔާވެފައެވެ.
އެގޮތުން އިއްޔެ ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ޅ. ނައިފަރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ފަރުވާ ދެމުން ދިޔަ އުމުރުން ދެމީހަކު ހިމެނެއެވެ. އެއީ 83 އަހަރުގެ ދިވެހި ފިރިހެނަކާއި، 97 އަހަރުގެ ދިވެހި އަންހެނަކެވެ. އަދި އއ. ރަސްދޫގައި އިއްޔެ ވަނީ ކޮވިޑް ޖެހިގެން 61 އަހަރުގެ އިންޑިއާ ފިރިހެނަކު ނިޔާވެފައެވެ.
މީގެ އިތުރުން ކ. މާފުށީގައިވެސް އިއްވެ ވަނީ ކޮވިޑް ޖެހިގެން 37 އަހަރުގެ ބަނގްލަދޭޝް ފިރިހެނަކު ނިޔަވެފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ދެމުންދިޔަ 60 އަހަރުގެ އިންޑިއާ ފިރިހެނަކާއި، ހުޅުމާލެ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 88 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 77 އަހަރުގެ އަންހެނެއްވެސް އިއްޔެ ވަނީ ކޮވިޑް-19 ގައި ނިޔާވެފައެވެ.
ރާއްޖޭގައި މިދުވަސްކޮޅު އަންނަނީ ކޮވިޑް-19 އަށް ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވަމުންނެވެ. އެގޮތުން ކުރިން ދުވަހު ޕޮޒިޓިވް ވި މީހުންގެ އަދަދު 734 އަށް އެރި އިރު އިއްޔެ ވެސް ވަނީ 703 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ރޭ 6 ޖެހިއިރާއި ހިސާބަށް އަޕްޑޭޓްކޮށްފައިވާ މަޢުލޫމާތަސް ބަލާއިރު ރާއްޖޭގައި މިހާތަނަށް 33،368 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ 203 އަށް އިތުރުވެފައެވެ.
މަލޭގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރައްޔަތެއްގައިވެސް އަންނަނީ ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންނެވެ.




