މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ނިލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާއި ގުޅިގެން މީހުން ހައްޔަރުކުރަމުން ދަނީ ޝަރީއަތަށް ބޭނުން ހިފޭނެ ހެކި ހޯދަން އަމާޒުކޮށްގެންކަމުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވާއިރު، މިހަމަލާއާއި ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ހައްޔަރުކޮށްފައިވަނީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އައިއީޑީ ބޭއްވި ސައިކަލްގެ ވެރިމީހާ ކަމަށް އޮންލައިން ނޫސް އަދަދުން ވަނީ ރިޕޯޓްކޮށްފައެވެ.
ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިކަން އަދި ކަށަވަރުކޮށްދީފައެއްނުވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މިއަދު ހަވީރު އޮންނަ ނޫސްވެރިންގެ ބައްދަލު ވުމުގައި ހާމަކުރައްވާނެކަމަށެވެ.
އިމްރާން ވިދާޅުވީ ތަޙްޤީޤުގެ ބޭނުނަށް މީހުން ހައްޔަރުކޮށް ފިޔަވަޅު އަޅަމުން އެދަނީ ޖިނާއީ އަދުލުގެ ނިޒާމް ރޭވިފައި އޮންނަ ގޮތަށާއި އިޖުރާޢަތުގެ ހަމަތަކަށް ރިޢާޔަތްކޮށް ޝަރީޢަތަށް ބޭނުންހިފޭނެ ހެކި ހޯދުމަށް އަމާޒުކޮށްގެންކަމަށެވެ.
Thahuqeeq ge beynumah meehun hayyarukoh fiyavalhu alhamun edhanee jinaaee adhuluge nizaam reyvifa onna gothashaai ijura'athuge hamathakah riaayah koh shareeathah beynunhifene heki hodhumah amaazukohgen. Mikamugai rayyithun ge furihama ehbaarulumah edhen.
— Imran Abdulla (@ShimranAb) May 8, 2021
ފުލުހުން ވަނީ މިހަމަލާ ދިންވަގުތު ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވުނުނަމަ އެކަމެއް އެންގުމަށްއެދިފައެވެ. އެގޮތުން މިހަލަމާއާއި ގުޅޭ މަޢުލޫމާތާއި ފޮޓޯ އޮންލައިންކޮށް ޙިއްސާ ކުރެވޭނެގޮތް ފުލުހުން މިހާރު ވަނީ ހަދާފައެވެ. ފުލުހުން ވަނީ މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކާއި ހިއްސާކުރާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށްދިން މި ޓެރަރިސްޓް ހަމަލާ ތަޙްޤީޤުކޮށް އިންސާފު ޤާއިމް ކުރުމަށް ދިވެހި ފުލުހުން ކުރަންޖެހޭ ކޮންމެކަމެއް ކުރާނެކަމަށެވެ.




