ކޮވިޑް-19: އިތުރު 590 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން މިއަދު އިތުރު 590 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 4،014 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 590 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 439 މީހުން، އަތޮޅުތެރޭ ރަށްތަކުން 141 މީހުން، އަދި ރިސޯޓުތަކުން 09 މީހުންނެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،992 އެވެ. މިވަގުތު 8،640 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 230 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 83 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ގޯހުން ގޯހަށް ދިޔުމުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އެޗްޕީއޭއިން މިހާރުވަނީ މަނާކޮށްފައެވެ. އަދި މީގެއިތުރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭ ސަރަޙައްދުގައި ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން މިހާރުވަނީ އަޅާފައެވެ. އަދި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއުވެސް ވަނީ އިއުލާންކޮށްފައެވެ.

މީގެއިތުރުން ދަތުރުފަތުރާ ގުޅިގެން ކުރެވޭ ކަރަންޓީނުގެ މުއްދަތުވެސް މިހާރުވަނީ 14 ދުވަހަށް އިތުރުކުރެވިފައެވެ.

ކޮވިޑާއި ގުޅިގެން އަތޮޅުތެރޭގެ 28 ރަށެއް މިހާރުވެސް އޮތީ މޮނިޓަރިންގގައެވެ. އެރަށްތަކަކީ ޅ.ނައިފަރު، އދ.މާމިގިނލި، ތ.ވޭމަންޑޫ، ތ.މަޑިފުށި، އއ.ބޮޑުފޮޅުދޫ، ބ.އޭދަފުށި، ކ.ހިންމަފުށި، ކ.ގުޅި، ކ.މާފުށި، އއ.މަތިވެރި، ލ.މާންދޫ، ލ.ގަން، ލ.ފޮނަދޫ، ގދ.ތިނަދޫ، އއ.އުކުޅަސް، ކ.ތުލުސްދޫ، ލ.ދަނބިދޫ، އއ.ރަސްދޫ، މ.ކޮޅުފުށި، އައްޑޫސިޓީ، ހއ. ދިއްދޫ، ފ.ފީއަލި، ހދ. ހަނިމާދޫ، ކ.ގުރައިދޫ، ފ.ނިލަންދޫ، ލ.އިސްދޫ، އދ.ފެންފުށި، ލ.މާވަށް، ޏ.ފުވައްމުލަށް އަދި ނ.ވެލިދޫގެ އިތުރުން ށ.ފުނަދޫއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ