ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ޓެރަރިސްޓް ހަމަލާގެ ތަޙްޤީޤު ކުރިޔަށްދާގޮތް ރަނގަޅު: ހޯމް މިނިސްޓަރ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ނިލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ތަޙްޤީޤު ކުރިޔަށްދާގޮތް ރަނގަޅު ކަމުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަޙްޤީޤު ކުރިޔަށްދާގޮތާއި، ތަޙްޤީޤުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅުކަމަށެވެ.

އެގޮތުން މިހާދިސާގެ ތަޙްޤީޤުގައި މިހާތަނަށް ލިބުނު ކުރިއެރުމުގައި ގިނަ ފުލުހުންގެ ހުނަރުވެރި މަސައްކަތުގެ އިތުރަށް ރައްޔިތު ފޯރުކޮށްދިން މަޢުލޫމާތު ވަރަށް ބޮޑު ދަޢުރެއް އަދާކޮށްފައިވާކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިހާތަނަށް އެކަމުގައި ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން ދެމީހުން ހައްޔަރު ކޮށްފައިވަނީ އިއްޔެ އެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.

މުޖާޒް ހައްޔަރުކޮށްފައިވަނީ އަލިކިލެގެފާނު މަގުގައި ހުރި ފެހިދޯދިގޭގެ ކުއްޔަށް ދީފައިވާ ބަޔަކުންނެވެ. އަދި ތަހުމީން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ރަބަރުގަސްމަގު ހަތަރު ނަމްބަރު ގޯޅީގައި ހުރި ތަނަކުންނެވެ.

އިއްޔެ ހައްޔަރު ކުރި މި ދެމީހުންނަކީވެސް ހަރުކަށި ފިކުރާ ގުޅުން އޮތް ދެމީހުންކަމަށް މަޢުލޫމާތު ލިބިފައިވާކަމުގައި ޕޮރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި މައްސަލާގައި ފުލުހުން މިއަދު ހައްޔަރު ކޮށްފައިވަނީ އިއްޔެ ފޮޓޯ އާންމު ކުރި މީހާއެވެ. ފުލުހުން ވަނީ އޭނާ އަކީ މިކަމުގައި އެންމެ މުޙިންމު މީހާކަމަށް ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މި މައްސަލާގައި ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްސްގެ ތެރެއިން އެސާރވިސްގައި ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރަމުންދާކަމަށެވެ.

ތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުން ރާއްޖެއައިސްފައިވާއިރު ޔޫއެންއޯޑީސީ ގެ ފަރާތުން ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސިވިލާތުގެ ފަންނީ ދެ ބޭފުޅެއްގެ އެހީތެރިކަންވެސް މިކަމުގައި ދަނީ ހޯދަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ