ރައްޔިތުންގެ މަޖިލީހުގެ ރައީސް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ހަނގުރާމައަށް ދިޔަ ދިވެހިން ގެނައުމާ ނަޝީދު ދެކޮޅު

ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިޔަ ދިވެހީން އަނބުރާ ރާއްޖެ ގެނައުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އަދި އެމްޑީޕީގެ ލީޑާޝިޕުން ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ރާއްޖެއިން ބޭރަށް ހަނގުރާމައަށް ގޮސް ތިބި ދިވެހިންގެ އަދަދު 160 އަށް އަރާނެ ކަމަށާއި، ހަނގުރާމަ ކުރި ސަހަރައްދުތަކުގައި ދިވެހި ތިރީހަކަށް ކުޑަކުދިން ވެސް އުޅޭ ކަމަށް އެނގިފައިވާ ކަމަށެވެ.

ބޭރު ޤައުމުތަކުގެ ހަނގުރާމައަށް ދިޔަ މީހުން އަނބުރާ ވަގުތުން ގައުމަށް ގެނައުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ދޭހަވާ މޭރުމަކުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

ބައިނަލްއަގުވާމީ ނިޒާމެއްގެ ތެރެއިން އެމީހުން ބެލެހެއްޓޭނެ ގޮތެއް އިންތިޒާމު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެމީހުންނާ މެދު އަމަލު ކުރަންވީ ގޮތާ މެދު ގައުމުތަކުން މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެމީހުން އެނބުރި އާދެވޭނެ ފުރަތަމަ ފްލައިޓުން އައުމަށް ފުރުސަތު ދިނުމަކީ ރަނގަޅު ކަމެކޭ ބުނެވޭނެހެން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިއަދު ސަރަހައްދީ ސަލާމަތާ ބެހޭގޮތުން ވާހަކަ ދައްކަމުން ވިދާޅުވީ، ލަންކާގެ އިތުރުން ރާއްޖެއަކީ ވެސް އަމާން ތަނެއް ކަމަށެވެ. އަދި ރާއްޖޭގައި ނުރައްކަލެއް ނެތް ކަމަށާއި، ދިވެހި ސަލާމަތީ ބާރުތައް އެއަށް ވުރެ ހުށިޔާރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދާއި، ނައިބު ރައީސް ފައިސަލް ނަސީމް އަދި އެމްޑީޕީގެ ލީޑާޝިޕުން ލަންކާއަށް ކުރަމުންދާ ދަތުރަކީ އެގައުމުގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު، އެގައުމާއެކު ރާއްޖެ އޮތްކަން ހާމަކުރުމުގެ ގޮތުން ކުރާ ދަތުރެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް