ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެޅި ޚާއްސަ ފިޔަވަޅެއްގެ ގޮތުން މިމަހުގެ 22 ގެ ނިޔަލަށް މާލެ ސަރަހައްދުގެ ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މާލެ ސަރަހައްދުގެ ހުރިހާ ސަރުކާރު އޮފީސްތަކެއް ބަންދު ކުރުމަށް ނިންމާފައިވާ ނިންމުން މި މަހުގެ 22 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.
އެގޮތުން މާލެއާއި ހުޅުމާލެއާއި ވިލިނގިލި ތިލަފުށި އަދި ގުޅީފަޅުގައި ހުންނަ ހުރިހާ ސަރުކާރު އޮފީސްތަކެއް ބަންދުވާނެއެވެ.
އޮފީސްތައް ބަންދު ކުރިނަމަވެސް ގޭގައި ތިބިގެން މަސައްކަތްތައް ކުރުމަށް ވަނީ ނިންމާފައެވެ. އަދި އޮފީސްތަކުން ދޭ ޚިދުމަތްތައްވެސް އޮންލައިންކޮށް ދެވޭ ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށް ރައީސް ވަނި އަންގާފައެވެ.
ސަރުކާރުގެ އޮފީސްތައް ބަންދު ކުރި މުއްދަތު އިތުރުކުރި އިރު، މާލޭގައިހުންނަ އަމިއްލަ ކުންފުނިތަކާއި އޮފީސްތައްވެސް ބަންދުކޮށް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޮފީސްތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި އެ އޮފީހަކުން ކޮންމެހެން ކުރައްޖެހޭ މަސައްކަތެއް ކުރުމަށް މުވައްޒަފުން އޮފީހަށް ނެރެންޖެހިއްޖެނަމަ، ވީ އެންމެ މަދު މުވައްޒަފުން ނެރެގެން މަސައްކަތްތައް ކުރުމަށެވެ.
ރާއްޖޭގައި ކޮވިޑް-19 އަށްޕޮޒިޓިވް ވާ މީހުންގެ އަދަދު މި ދުވަސްކޮޅު ވަނީ ދުވަހަކުވެސް މައްޗަށް ނުދާ ވަރަށް މައްޗަށް ގޮސްފައެވެ. އެގޮތުން ޕޮޒިޓިވް ވާ މީހުންގެ އަދަދު ހާހުން މަތީގައި އުޅޭއިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރައްތަކެއްގައިވެސް ކޮވިޑް-19 ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.
މިވަގުތުވެސް އަތޮޅު ތެރޭގެ 45 ރަށެއްވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށްލާފައެވެ.
ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ސާޅީސް ހާހުން މަތިވެފައިވާއިރު، 87 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.



