ރައްޔިތުންގެ މަޖިލީގު ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ލިބުނު ގެއްލުންތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތައް މިއަދު ދަތުރު ފައްޓަވައިފައިވާއިރު ރައީސް ނަޝީދަށް ޖަރުމަނުވިލާތުގައި ބޭސްފަރުވާކުރުމުގެ އެންމެހާ ހަރަދެއް ބަލަހައްޓަނީ ޖަރުމަނު ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް، 06 މޭ 2021 ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް މިއަދު ހެނދުނު ފުރާވަޑައިގެންފައިވާ ކަމަށާއި ރައީސް ނަޝީދު ޖަރުމަންވިލާތަށް ފުރާވަޑައިގަތީ އެއަރ އެމްބިއުލާންސެއްގައި ކަމަށެވެ.
"ދަތުރުކުރެއްވި އެއަރ އެމްބިއުލާންސްގެ ޚަރަދާއި ޖަރުމަންވިލާތުގައި ބޭސްފަރުވާ ކުރެއްވުމުގެ ޚަރަދު ހަމަޖައްސަވާފައިވަނީ ޖަރުމަންވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށެވެ. މި ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަރުމަން ސަރުކާރުންނެވެ." ރައްޔިތުންގެ މަޖިލީހުގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
ރައީސް ނަޝީދު އިތުރު ފަރުވާއަށް ވަޑައިގަތީ އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހައްދަވައި ފަރުވާ ހޯއްދެވުމަށްފަހުއެވެ. މިހާރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ އާއިލާއިން ވަނީ އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލުން ދެއްވި ފަރުވާއާމެދު ހިތްހަމަޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އޭޑީކޭ ޑޮކްޓަރުންގެ ޓީމަށް އާއިލާއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ.





ހިޔާލު
ފައްޅިތަކުންކުރާނީ