2004 ވަނަ އަހަރު ނިއްމާލި ކާމިޔާބު ޓީވީ ސީރީޒް "ފްރެންޑްސް"ގެ ހާއްސަ ރީޔުނިއަން މެއި 27 ގައި ޕްރީމިއާ ކުރާނެކަން އިއުލާންކޮށްފިއެވެ.
އެޗްބީއޯއިން މި ޙަބަރު ރަސްމީކޮށް އިއުލާންކޮށްފައިވާއިރު، ފްރެންޑްސް ރީޔުނިއަންގެ ކުޑަ ޓީޒާ ކޮޅެއްވެސް ވަނީ ދައްކާލައިފައެވެ.
މި ޓީޒާ ކޮޅުގައި ފެނިގެންދަނީ، ފްރެންޑްސް ސީރީޒްގެ ހަ ތަރިން ކަމުގައިވާ، ޑޭވިޑް ޝްވިމާ(ރޮސް)، މެތިއު ޕެރީ(ޗޭންދްލާ)، މެޓް(ޗޯއީ)، ލީސާ ކުޑްރޯ(ފީބީ)، ޖެނިފާ އެނިސްޓަން(ރޭޗަލް)، އަދި ކޯޓްނީ ކޮކްޒް(މޮނިކާ)އެކުގައި ހިނގާލައިފައި ދާތަނެވެ.
ފްރެންޑްސްގެ މި ހާއްސަ ރީޔުނިއަން ޕްރީމިއާ ކުރާ ތާރީހުގެ އިތުރުން، ރީޔުނިއަންއިން ފެނިގެންދާ ގެސްޓު ތަރިންގެ ނަންތައްވެސް އެޗްބީއޯއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މި ރީޔުނިއަންގެ މަޝްހޫރު 18 ސެލެބްރިޓީން ފެނިގެންދާނެއެވެ. އޭގެތެރޭގައި، ޑޭވިޑް ވެކަމް، ޖަސްޓިން ބީބާ، ލޭޑީ ގާގާ، އަދި ޖޭމްސް ކޯޑެން ފަދަ މަޝްހޫރު ސެލެބްރިޓީން މި ރީޔުނިއަންގައި ފެނިގެންދާނެއެވެ.
“ފެރެންޑްސް” ގެ ހާއްސަ ރީޔުނިއަން ނުވަތަ އެނބުރިއައުން ގެނެސްދޭނެކަން އެޗްބީއޯ އިން އިއުލާންކުރީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ފްރެންޑްސްގެ ރީޔުނިއަން ގެނެސްދިނުން މިއަހަރަށް ފަސްވީއެވެ.
1994 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާއި ހަމަ އަށް ގެނެސްދިން މަޝްހޫރު ޓީވީ ސީރީސް “ފްރެންޑްސް” ގެ 10 ސީޒަން ދައްކާފައިވާ މި ސިރީޒްގެ މަޤްބޫލުކަމަށް އަދިވެސް ފަނޑުކަމެއް އައިސްފައިނުވެއެވެ.



