2004 ވަނަ އަހަރު ނިއްމާލި ހިޓްް ސީރީޒް "ފްރެންޑްސް"ގައި ވަރަށް މަޖާ ރޯލެއްކަމުގައިވާ، "ގަންތާ"ގެ ރޯލުން ފެނިގެންދިޔަ އެކްޓަރު ޖޭމްސް މައިކަލް ޓައިލާ ކެންސަރާއި ހަނގުރާމަ ކުރަމުންދާކަން ހާމަކޮށްފިއެވެ.
ޖޭމްސް އަށް ޖެހިފައިވަނީ ޕްރޮސްޓޭޓް ކެންސަރެވެ. އަދި ޖޭމްސް ހާމަކުރިގޮތުގައި ބަލި ހުރީ ޕްރޮސްޓޭޓް ކެންސަރުގެ އެންމެ ނުރައްކާތެރި ސްޓޭޖްކަމަށްވާ 4 ވަނަ ސްޓޭޖްގައެވެ.
ޕްރޮސްޓޭޓް ކެންސަރަކީ، ޕްރޮސްޓޭޓް ގްލޭންޑަށް ކެންސަރު ޖެހުމެވެ. މިއީ ހަމައެކަނީ ފިފިހެނުންގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ގުނަވަނެއް ކަމުން މި ބާވަތުގެ ކެންސަރު ޖެހެނީ ހަމައެކަނީ ފިރިހެނުންނަށެވެ.
59 އަހަރުގެ ޖޭމްސް ހާމަކުރިގޮތުގައި، އޭނާ މި ކެންސަރަށް ފުރަތަމަ ޑައިގްނޮސް ވެފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި މި ކެންސަރު މިހާރު ވަނީ އޭނަގެ ހަށިގަނޑުގެ އިތުރު ބައިތަކަށްވެސް ފެތުރިފައި ކަމަށް ޖޭމްސް ބުންޏެވެ.
"ފްރެންޑްސް"ގެ 10 ސީޒަންގައިވެސް "ގަންތާ" ނަމަކަށް ކިޔާ ކެފޭއެއްގެ މެނޭޖަރ ރޯލު ކުޅުނު ޖޭމްސް ބުނި ގޮތުގައި، ކެންސަރު ކަށިތަކަށް ފެތުރި އޭނަގެ ހަށިގަނޑުގެ ތިރި އެއްކޮށް ވާގިދިއުމުގެ ސަބަބުން އޭނާއަށް ހިނގާބިނގާވެ ނޫޅެވެއެވެ.
ވޭތުވެދިޔަ ތިން އަހަރު ދުވަހު މި ކެންސަރަށް ޖޭމްސް ފަރުވާ ހޯދަމުން އައިއިރު، ޖޭމްސް ބުޏީ ފުރަތަމަ ކެންސަރަށް ޑައިގްނޮސްވިއިރު، ސަލާމަތްވާނެ ކަމަށް ޑޮކްޓަރުން އުއްމީދު ދިން ކަމަށާއި، ނަމަވެސް ހާލަތު ގޯސްވީ ކޮވިޑް-19 ޕެންޑެމިކް ތެރޭގައި ފަރުވާ ނުހޯދުމުން ކަމަށެވެ.
ކީމޯތެރަޕީގެ ފަރުވާ ހޯދަމުން އަންނަ ޖޭމްސް ބުނި ގޮތުގައި، ދާދިފަހަކުން ދެއްކި "ފްރެންޑްސް"ގެ ރީޔުނިއަންއަށް ނުދެވުނީ އޭނާގެ ބަލި ހާލަތު ގެ ސަބަބުން ކަމަށެވެ. ރީޔުނިއަންގައި ޖޭމްސް ބައިވެރިވީ ޒޫމް ވީޑިއޯ ކޯލަކުންނެވެ.



