ކާމިޔާބު ސިޓްކޮމް ސީރީޒް، “ފެރެންޑްސް”ގެ އެކްޓަރު މެތިއު ޕެރީ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެތިއު ،54، މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ ހަވީރު ލޮސް އެންޖެލެސްގައި ހުންނަ އޭނާގެ ގޭގެ ހޮޓް ޓަބެއްގެ ތެރެއިންނެވެ.
ހޮޓް ޓަބް ތެރޭގައި މެތިއު މަރުވެފައި އޮއްވާ ފެނިފައިވާއިރު، އެތަނުން އެއްވެސް މަސްތުވާއެއްޗެއް ފެނިފައިނުވާކަމަށްވެސް ފުލުހުންނާ ހަވާލާދީ އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި މަރުވި ސީދާ ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު މި މައްސަލަ ފުލުހުން އަދިވެސް ދަނީ ތަހުޤީގުކުރަމުންނެވެ.
1994 އަހަރު ނުކުތް "ފްރެންޑްސް" ގައި، މަސައްކަތް ކުރި ދުވަސްވަރު މެތިއު ވަނީ ޑްރަގް އަށް ދެވިހިފުމުގެ ސަބަބުން ރިހެބުން ފަރުވާވެސް ހޯދައިފަ އެވެ. ނަމަވެސް އެކަމުން އޭނާ ވަނީ އަރައިގަނެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
2004 ވަނަ އަހަރު ނިއްމާލި މި ކާމިޔާބު ޝޯގައި މެތިއު އަދާކުރި "ޗެންދްލާ ބިންގް"ގެ އައިކޮނިކް ރޯލަކީ ގިނަ ބައެއްގެ ފޭވަރިޓެވެ. އަދި މި ޝޯގެ ކާސްޓްގައި މެތިއުއާއި އެކު އުޅުނު އިތުރު ތަރިން ކަމުގައިވާ ޑޭވިޑް ޝްވިމާ(ރޮސް)، މެޓް(ޗޯއީ)، ލީސާ ކުޑްރޯ(ފީބީ)، ޖެނިފާ އެނިސްޓަން(ރޭޗަލް)، އަދި ކޯޓްނީ ކޮކްޒް(މޮނިކާ) އަކީ ވަރަށް ގާތް ރަހުމަތްތެރިންނެވެ. މި ހުރިހާ ތަރިންނާއެކު މި ޝޯގެ ހާއްސަ ރީޔުނިއަންއެއްވެސް މީގެ 2 އަހަރު ކުރިން ވަނީ ގެނެސްދީފަ އެވެ.