ސަލާމަތީ ހިދުމަތްދޭ ފަރާތްތަކުން ހަރަކާތްތެރިވަނީ | ފޮޓޯ: އަދަދު

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ރެއިން ފެށިގެން މަތިކޮށްފި

ލިބުނު މައުލޫމާތަކާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ސެކިއުރިޓީ ރެއިން ފެށިގެން މަތިކޮށްފިއެވެ.

ސިފައިންގެ ތަރުޖަމާން، މޭޖަރ އިބްރާހިމް އާޒިމް މީޑިއާއަށް މައުލޫމާތު ދެއްވަމުން ދާދިދެންމެއަކު ވިދާޅުވީ، ވީއައިއޭގެ ސެކިއުރިޓީ ރެއިން ފެށިގެން މަތިކޮށްފައިވަނީ ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައުލޫމާތެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ބަޔެއް އޮންލައިން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވީއައިއޭގެ ސެކިއުރިޓީ މަތިކޮށްފައި މިވަނީ އެއާޕޯޓުގައި ހަމަލާއެއް ދޭނެ ކަމަށް ބުނެ ސިފައިންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެންނެވެ. ނަމަވެސް، ސިފައިންގެ ފަރާތުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ރެއިން ފެށިގެން ސިފައިން އައްނަނީ ހަތިޔާރާއެކު އެއާޕޯޓުގަައި ހަރަކާތްތެރިވަމުންނެވެ. އަދި އެއާޕޯޓަށް ދާ ވެހިކަލްތަކާއި އެއާޕޮޓުން ނިކުންނަ ވެހިކަލްތައްވެސް ސިފައިން އައްނަނީ ޗެކު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް، 06 މޭ 2021 ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާ އަށްފަހު ސަލާމަތީ ކަންކަން ސިފައިންވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. މިގޮތުން މާލޭގެ އިތުރުން އަތޮޅުތެރޭ ބަޔެއް ރައްތަކުގައިވެސް ސިފައިން އައްނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއިން ލިބުނު ގެއްލުންތަކަށް އިތުރު ފަރުވާ ހޯދުމަށް އިއްޔެވަނީ ރައީސް ނަޝީދު ޖަރުމަނުވިލާތައް ވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ