އާ ސީޕްލޭން ޓަރމިނަލް - ފޮޓޯ: އެމްއޭސީއެލް

އާ ޕެސެންޖަރު ޓާމިނަލް ނުނިމި އެއާޕޯޓް ބިޔަ މަޝްރޫއުގެ ބޭނުން ނުހިފޭނެ - ޗައިނާ ސަފީރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލަށް ބޭނުންވާ ފައިސާ ހަމަނުޖެހި، މުޅި އެއާޕޯޓް މަޝްރޫއުގެ ފުރިހަމަ ބޭނުން ނުހިފޭނެ ކަމަށް ޗައިނާ އެމްބަސީން ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ބޭއްވި ޗައިނާގެ ބިޔަ މަޝްރޫއު "ބެލްޓް އެންޑް ރޯޑް" ދެ ދެވަނަ ފޯރަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ރޭ ޗައިނާ އެމްބަސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ފަސަންޖަރު ޓާމިނަލު ފިޔަވައި، އެއާޕޯޓް މަޝްރޫއުގައި ހިމެނޭ އެހެން މަސައްކަތްތައް ނިމެން ކައިރިވެފައިވާ ކަމަށެވެ.

ޗައިނާގެ ސަފީރު ވިދާޅުވީ، މިދިޔަ އަހަރު މަސައްކަތް ނިމިފައިވާ އާ ރަންވޭގެ އިތުރުން، ކާގޯ ޓާމިނަލްއަކާއި، ފިއުލް ފާމް، ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރާ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް، އާ ޓާމިނަލްގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަނުޖެހުމުގެ ސަބަބުން އެ މަޝްރޫއު ވަރަށް ބޮޑަށް ލަސްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ޓާމިނަލް ލަސްވާ ނަމަ، އެއާޕޯޓްގައި ތަރައްގީ ކުރާ އެހެން ވަސީލްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ނުހިފޭނެ ކަމަށް ޗައިނާގެ ސަފީރު ވިދާޅުވިއެވެ.

ވީއައިއޭ ތަރައްގީ ކުރަން ކުރިއަށް ގެންދާ ބިލިއަނެއްހާ ޑޮލަރުގެ މަޝްރޫއުގެ ދަށުން، ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ އެ މަޝްރޫއު ހަވާލު ކުރިތާ ތިން އަހަރު ވެގެން ދިޔައިރު ވެސް އެންމެ ލަސްކޮށް ދަނީ އެ މަސައްކަތެވެ.

ވީއައިއޭގެ ގިނަ މަސައްކަތް އަންނަ އަަހަރު ނިމޭއިރު، އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލް އެއްކޮށް ނިމޭނީ 2022 ގައި ކަމަށް އެމްއޭސީއެލް އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް