11 އޮކްޓޫބަރު: ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ވީއައިއޭ އެންމެ ބިޒީ ދުވަސް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވިފަހުން މިއަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެންމެ ބިޒީ ދުވަސް ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލް އިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު 147 އެއާކްރާފްޓް މޫވްމެންޓް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިދިޔަ މަހުގެ ނިޔަލަށް 18،867 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމު ކޮއްފައިވާ ތަފާތު ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރ މަހު އެކަނި ދުނިޔޭގެ އެކިއެކި ޤައުމުތަކުން ރާއްޖެއަށް 9،538 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވާލުމަށްފަހު ސެޕްޓެމްބަރ މަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ 61 އިންސައްތަ އިތުރުވެފައި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މީގެކުރިންވަނީ ވިދާޅުވެފައެވެ. އެގޮތުން ސެޕްޓެމްބަރ މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ 20 ވަނަ ދުވަހުއެވެ. އެދުވަހު 696 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ.

ސެޕްޓެމްބަރ މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ ރަޝިއަން ފެޑަރޭޝަން އިންނެވެ. އެގޮތުން ރަޝިއަން ފެޑަރޭޝަން އިން ވަނީ 2،065 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިންނެވެ. ޔޫއޭއީއިން 1،029 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އެމެރިކާއިންނެވެ. އެގޮތުން އެމެރިކަ އިން 935 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރިޗު 27 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ޓުވަރިޒަމް ދާއިރާ ވަނީ އެއްކޮށް ކަހަލަގޮތަކަށް ހުއްޓިފައެވެ. ޓުވަރިޒަމް އަކީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާ ވެފައިވާ އެއްދާއިރާއެވެ. އެހެން ކަމުން ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު ވަނީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ކޮށްފައެވެ. އަދި އެތައް ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ