ގާޒާގައި ހުންނަ އަލްޖަޒީރާގެ އޮފީސް އިމާރާތް ގޮއްވާލާ ބިމާ ހަމަކޮށްލައިފި

އިޒްރޭލުން ޣައްޒާގައި ހުންނަ މީޑިއާތަކުގެ ޓަވަރު ބިމާ ހަމަ ކޮށްލައިފިއެވެ. މިއިމާރާތަކީ ގާޒާގައި ބައިނަލްއަގްވާމީ މީޑިއާތަކުން ގާއިމްވެ ތިބޭ އިމާރާތެވެ.

ގާޒާގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް އެންމެ ރަނގަޅަށް ކަވަކުރަމުން ދިޔަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ތެރެއިން އަލްޖަޒީރާ އާއި އެސޯސިއޭޓެޑް ޕްރެސްގެ އޮފީސް ވެސް ހުންނަނީ މި ޓަވަރުގައެވެ.

އެގާރަ ބުރީގެ އަލް ޖަލާ އިމާރާތަށް މިސައިލް ހަމަލާ ދިނުމުގެ އެއް ގަޑިއިރު ކުރިން އިޒްރޭލު އަސްކަރިއްޔާއިން ވަނީ އެތަނަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އިޒްރޭލުން މި އިމާރާތް ބިމާ ހަމަ ކޮށްލާފައިވަނީ އެ އިމާރާތަކީ ހަމާސް އިން ހަތިޔާރު ރައްކާ ކުރުމަށާއި، ސައިބާ ސެންޓަރުތަކެއްގެ ގޮތުގައާއި މުއާސަލާތީ ހަބެއްގެ ގޮތުގަައި ބޭނުންކުރާ އިމާރާތެއްކަމަށް ބުނެއެވެ.

މީޑިއާތައް ހުންނަ އިމާރާތް ގޮއްވައިލި އިރު އަލްޖަޒީރާއިން ދިޔައީ އެ މަންޒަރު ވެސް ލައިވްކޮށް ދުރަށް ދައްކަމުންނެވެ.

މިއަދު އިޒްރޭލުން ހަމަލާ ދިން ތަންތަނުގެ ތެރޭގައި ޝާތީ ރެފިއުޖީ ކޭމްޕުގައި އާއިލާއަކުން ދިރިއުޅޭ ތިން ބުރީގެ ގެޔެއް ހިމެނެ އެވެ. އެ ހަމަލާގައި އެ އާއިލާގެ 8 ކުދިންނާއި ދެ އަންހެނުން ޝަހީދުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނު މީހުންނަށް ދެމުންދާ ހަމަލާތަކުގަައި 140 މީހަކުވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 40 ކުޑަކުދިން ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ