އިޒްރޭލުން ފަލަސްތީނުގެ ގައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދުވަނީ ފަލަސްތީނުގެ ސްކޫލަކަށް ބޮންއަޅައި އެތަނުގައި ހިމާޔަތް ހޯދަމުންދިޔަ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފައެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ދިން މި ހަމަލާގައި މަދުވެގެން 15 މީހުންވަނީ ޝަހީދުވެފައެވެ. އަދި ހަމަލާދިން ސްކޫލަކީ ޖަބާލިއާ ރެފިއުޖީ ކޭމްޕުގައި އ.ދ އިން ގާއިމްކޮށްފައި ހުރި ސްކޫލެކެވެ.
އިޒްރޭލުން ސްކޫލަށް ހަމަލާދީފައިވާއިރު މިފަހުން އައްނަނީ ހޮސްޕިޓާތަކަށާއި އަދި މިނޫންވެސް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ތަންތަނަށް އިޒްރޭލުގެ ހަމަލާތައް އަމާޒު ކުރަމުންނެވެ. ސަބަބެއް ކަމަށް ބުނަނީ މިތަންތަނުގައި ހަމާސްގެ ހަނގުރާމަވެރިން ހިމާޔަތްހޯދަމުންދާ ދިއުމެވެ.
އެންމެފަހުން އިޒްރޭލުގެ ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި، ދެ އެމްބިއުލާންސް، ތިން ހޮސްޕިޓަލެއްގެ ކައިރި ސަރަހައްދުތައް، އަދި ފެން ރައްކާކުރާ މަރުކަޒެއް ފާހަގަކޮށްލެވެއެވެ. މި ހަމަލާތަކަށް ގިނަ ގައުމުތަކެއްގެ ފާޑުކިއުންތައް އައްނަނީ ކުރިމަތިވަމުންނެވެ.
އޮކްޓޯބަރ ހަތްވަނަ ދުވަހު ހަމާސްޖަމާއަތުން ހައްޔަރުކުރި އިޒްރޭލުގެ ރައްޔިތުން މިނިވަންކޮށް ހަމާސް ޖަމާއަތް ސައިޒް ކުރުމުގެ ބޮޑު އޮޕަރޭޝަނުގައި މިހާތަނަށްވަނީ ފަލަސްތީނުގެ ނުވަހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. މީގެތެރޭގައި ކުޑަކުދިންނާއި އަންހެނުން ގިނަ އަދަދަކަށް ހިމެނެއެވެ.