އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވީ މީހުންގެ އަދަދު 10،000 މަތީގައި

މިދިޔަމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 10،000 ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާކަމަށް ގައްޒާގެ ސިއްހަތާއިބެހޭ ވުޒާރާއިން މައުލޫމާތު ދީފިއެވެ.

ސިއްހަތާއިބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުން ޝަހީދުވީ މީހުންގެ އަދަދު 10،022 އަރާ ކަމަށާއި މީގެތެރޭގައި 4،104 ކުޑަކުދިން ހިމެނޭ ކަމަށެވެ. ގިނަ އަދަދެއްގެ ބަޔަކު ބިމާހަމަވެފައިވާ އިމާރަތްތަކުގެ ދަށުގައި އަދިވެސް ތާށިވެފައިވާއިރު ޝަހީދުވީ މީހުންގެ އަދަދު މިއަށްވުރެވެސް އިތުރުވާނެކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ. އިޒްރޭލުންވަނީ ގައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހުއްޓުވައިފައެވެ.

އިޒްރޭލުގެ ހަމަލާތަކާއި ގުޅިގެން އަނިޔާވި މީހުންގެ އަދަދު އުޅެނީ 25،408 ގައެވެ. މިއަދުގެ މިހާތަނަށްވެސް އިޒްރޭލުން ދިން ތަފާތު 18 ހަމަލާއެއްގައި ފަލަސްތީނުގެ 252 މީހުންވަނީ ޝަހީދުކޮށްލައިފައެވެ.

އ.ދ އިން ބުނެފައިވާ ގޮތުގައި އޮކްޓޯބަރ ހަތްވަނަ ދުވަހުން ފެށިގެން މިއަދާހަމައަށް 1.5 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރުވަނީ ގައްޒާއިން ގެއްލިފައެވެ. މި އަދަދަކީ ގައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އާބާދީއެކެވެ. ގައްޒާގައި 35 ހޮސްޕިޓަލެއްގައި ހިދުމަތް ދެމުން އައިނަމަވެސް ތެޔޮލިބުން ދަތިވެ 16 ހޮސްޕިޓަލެއްގެ ހިދުމަތްވަނީ މިއަދާހަމައަށް އައިއިރު މެދުކަނޑާލައިފައެވެ.

ގައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދިއުމާއި ގުޅިގެން ހަމަލާދިނުން މެދުކަނޑާލުމަށް ގޮވާލާ އަޑުތައް އައްނަނީ ގަދަވަމުންނެވެ. މިގޮތުން އ.ދ ގެ ޖެނަރަލް އެސެމްބުލީގައިވެސް ގިނަ ގައުމުތަކަކުންވަނީ އިޒްރޭލުން ގައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށް ވޯޓު ދީފައެވެ. ނަމަވެސް އެމެރިކާއިންވަނީ މިކަމަށް ދެކޮޅުހަދައި ހަމަލާދިނުން މެދުކަނޑާލައިފިނަމަ ހަމާސްގެ ހަނގުރާމަވެރިން އަލުން ސަފުތައް ރުކުރުވާލާނެކަމަށް ބުނެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ