ޑރ. މުޢިއްޒު މާލެ ސިޓީގެ މޭޔަރ ކަމާއި ހަވާލުވެ ވަޑައިގެންފި

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑު ތަފާތަކުން މާލޭ ސިޓީގެ މެޔަރުކަމުގެ ގޮނޑި ކާމިޔާ ބުކުރެއްވި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީ މޭޔަރ ކަމުގެ ހުވާ ކުރައްވައި މަޤާމާއި ހަވާލުވެވަޑައިގެންފިއެވެ.

މާލޭ ސިޓީ ކައުންސިލަށް އިންތިޚާބުވި މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު 09:00 ގައެވެ. މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.

މުޢިއްޒު މާލޭ ސިޓީގެ މޭޔަރ ކަމަށް އިންތިޚާބުވެފައި މިވަނީ ތާރީޚީ ބަދަލާކާއެކުއެވެ. މީގެ ކުރިން މާލެ ސިޓީގެ މޭޔަރކަން އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ކޮށްފައެއްނުވެއެވެ. މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އަބަދުވެސް ހޯދަމުން އައިސްފައިވަނީ އެމްޑީޕީ އިންނެވެ.

ނަމަވެސް މިނިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް މާލެ ސިޓީގެ މެޖޯރިޓީ ގެއްލިފައިވާއިރު، ޑރ. މުޢިއްޒު މާލެ ސިޓީގެ މޭޔަރކަމަށް އިންތިޚާބުވެވަޑައިގެންފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓާއި ވާދަކުރައްވައި ވަރަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.

ޑރ. މުއިއްޒު އަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނަވައި މާލެ ސަރަހައްދުގައި ހިންގި ގިނަ ޕްރޮޖެކްޓްތަކެއްގައި އިސްދަޢުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މިފަހަރުގެ އިންތިޚާބުގައި ޕީޕީއެމް އިން ވަނީ މާލެ ސިޓީގެ 11 ގޮނޑިއެއް ކާމިޔާބު ކުރައްވާފައެވެ. މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް މާލެ ސިޓީން ކާމިޔާބު ކުރެވިފައި ވަނީ 6 ގޮނޑިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ