ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް: ފޮޓޯ - ރައީސް އޮފީސް

ސިވިލް ސަރވިސްގެ ވަޒީފާ ދިނުމުގައި ތަޢުލީމަށް ބަލަންޖެހޭ އިޞްލާޙު ތަޞްދީޤުކުރައްވައިފި

ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ވަޒީފާ ދިނުމުގައި އެމީހެއްގެ ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ތަޖުރިބާއަށް އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު: 5/2007) އަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވާފައިވާއިރު، މި ބިލަކީ، މި ހުސްވި އެޕްރީލް މަހުގެ 29 ވިީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ގެނައި އިޞްލާހުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ފުރުޞަތު ލިބޭ ގޮތަށް ނިޒާމެއް ޤާއިމުވެފައި އޮތުމަށް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ވަޒީފާ ދޭންވާނީ އެމީހެއްގެ ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގައިކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އިސްކަންދިނުމަށް ބާރުއަޅައި އެކަންވެސް ވަނީ މި ޤާނޫނުގައި ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.

ޚަބަރު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ