މޫނުބުރުގާ އަޅައިގެން ސިވިލްސަރވިސްގައި ވަޒީފާ އަދާކުރެވޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހުކޮށްފިއެވެ.

މި އިސްލާހާއެކު، ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

އައު އިސްލާހުގެ ދަށުން، ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެއެވެ. މިއީ ކުރިން ގަވާއިދުގައި އޮތް، މުވައްޒަފުން މަސައްކަތު ގަޑީގައި ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތަކަށް ހެދުން އަޅަންޖެހޭ މާއްދާއަށް ގެނެވުނު މުހިންމު ބަދަލެކެވެ.

މި އިސްލާހާއެކު، މޫނު ބުރުގާ އަޅައިގެން ސިވިލް ސަރވިސްގައި މަސައްކަތްކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އަދި ހަމައެހެންމެ، މިފަހުން ޝަރުޢީ ދާއިރާގައިވެސް މޫނު ބުރުގާ އަޅައިގެން މަސައްކަތްކުރެވޭ ގޮތަށް އެ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުވެސް ވަނީ އިސްލާހުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ، ވަޒީފާ ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ހާމަކުރައްވާފައެވެ. އަދި މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭ އުސޫލެއް ނުވަތަ ގަވާއިދެއް އޮތްނަމަ، އެ ގަވާއިދެއް ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ހެދުން ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ