ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ޢާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާކުރާނަމަ، އަސާސީ މުސާރަ ލިބޭގޮތަށް އަހަރަކު 30 ދުވަހުގެ ޚާއްސަ ޗުއްޓީއެއް ލިބޭގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އިސްލާހެއް ގެނެސްފިއެވެ.
މި އިސްލާހުގެ ދަށުން "ޚާއްސަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ލިބޭނީ މުވައްޒަފެއްގެ މައިންބަފައިން، އަނބިން ނުވަތަ ފިރިން، ދަރިން، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހުން އަދި ޝަރުޢީ ގޮތުން ބަލަންޖެހިފައިވާ ފަރާތްތަކަށް ދާއިމީ ބައްޔެއް ނުވަތަ ދިގު މުއްދަތެއްގެ ބައްޔަކަށް ފަރުވާކުރަން ޖެހުމުން ނުވަތަ ބޯންމެރޯ އަދި ގުނަވަނެއް ހަދިޔާކުރަން ޖެހުމުންނެވެ.
މި ޗުއްޓީ ނެގުމަށް އެދި ހުށަހަޅާއިރު، ބަލީގެ ބާވަތާއި ފަރުވާއަށް ބޭނުންވާ މުއްދަތު ބަޔާންކޮށް، ޞިއްޙީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންޖެހޭނެއެވެ. އަދި މި ޗުއްޓީ ދޫކުރެވޭނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
މީގެއިތުރުން، މި އިސްލާހުގައި ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ދޫކޮށްލެވޭނެ އިތުރު ހާލަތެއްވެސް ހިމަނާފައިވެއެވެ. އެގޮތުން، މުވައްޒަފަކު ދާއިމީކޮށް ނުވަތަ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރުމަށް ނުކުޅެދުން ހިމެނެއެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެކަން ކަށަވަރުކުރުމަށް ޞިއްޙީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއެއްގެ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ.
ސިވިލް ސަރވިސްގެ ގަވާއިދަށް ގެނެވުނު 13 ވަނަ އިސްލާހުގެ ގޮތުގައި މި އިސްލާހަށް މިހާރުވަނީ ޢަމަލުކުރަން ފަށާފައެވެ.