ހދ. ހަނިމާދޫ ސްކޫލްގެ އިންޑިއާ ޓީޗަރަކު، އިސްރާއީލަށް ތާއީދުކޮށް މީސް މީޑިއާގައި ހިޔާލު ފާޅުކުރުމުން، އޭނާ ވަޒީފާއިން ވަކިކޮށް ޤައުމަށް ފޮނުވާލަން ނިންމައިފިއެވެ.
މަގާމުން ވަކިކޮށް ޤައުމަށް ފޮނުވާލަން ނިންމާފައިވަނީ އެ ސްކޫލްގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަޤާމުގައިހުރި އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ އެބެނެޒަރ ސުކްމަރަންއެވެ.
ހަނިމާދޫ ސްކޫލުން ބުނެފައިވަނީ އެ ޓީޗަރުގެ ފަރާތުން، ޓީޗަރެއްގެ ކިބައިން ފެނިގެން ނުވާނެ ދަށުދަރަޖައިގެ ޢަމަލެއް، ސޯޝަލް މީޑިއާގައި ފެނިފައިވާތީ، މި ސްކޫލުން އެކަމާ ވަރަށް، ހިތާމަ ކުރާ ކަމަށާއި އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
"ވަކިން ޚާއްޞަކޮށް ޒަޔަނިސްޓް ޔަހޫދީ އިޒްރާޢީލުން ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލްތައް ކުށްވެރިކޮށް، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބާގައި، ސްކޫލްގެ ސާޓޭންޑް ހާމަކޮށް، ތަފާތު ޙަރަކާތްތަކެއް ހިންގިތާ 24 ގަޑިއިރުވެސް ނުވަނީސް، ސްކޫލްގެ ސްޓޭންޑާ ޚިލާފަށް އަދި މުޅި ދިވެހި ދައުލަތާއި ހަނިމާދޫ ރައްޔިތުންގެ ސްޓޭންޑާވެސް ޚިލާފަށް، އެ ޓީޗަރު ހިންގި ދަށުދަރަޖައިގެ ޢަމަލަކީ މިސްކޫލުން އެއްގޮތަކަށްވެސް ބަލައިގަންނަ އަދި ބަލައި ގަންނާނެ ޢަމަލެއް ނޫން. ހަނިމާދޫ ސްކޫލުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުލްމުހުސިން އަބްދުއްލަތީފް ވިދާޅުވީ އެ ޓީޗަރު ފޭސްބުކްގައި "އައި ސްޓޭންޑް ވިތް އިޒްރާއީލް" ޖެހުމުން، އެ ޓީޗަރާއި މެދު އަޅާނެ ފިޔަވަޅަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުމެއް ބާއްވައި އަދި އެޑިއުކޭޝަން މިނިސްޓްރީއާއި ވެސް ވާހަކަ ދައްކާފައި ވާކަމަށެވެ. އަދި މި މަޝްވަރާތަކަށްފަހު ނިންމާފައިވަނީ އެ ޓީޗަރު ވަޒީފާއިން ވަކިކޮށް، ގައުމަށް ފޮނުވާލުމަށް ކަމަށް ބުނެފައި ވެއެވެ.
ހަނިމާދޫ ސްކޫލުން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސްކޫލުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ދަރިވަރުން އަދި އެންމެހައި ބެލެނިވެރިން، އަބަދުވެސް ތިބޭނީ ފަލަސްޠީނާ އެކުގައި ކަމަށާއި ހައްދުފަހަނަ އަޅާފައިވާ އިޖްރާޢީލްގެ ލާއިންސާނީ ޢުދުވާންތައް، މި ފުރުޞަތުގައިވެސް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ފަލަސްޠީންގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަޞްރު ދެއްވުންއެދި ﷲގެ ޙަޟްރަތުގައި އިބްތިޙާލުވެ ދުޢާ ދަންނަވާ ކަމަށެވެ.
ހިޔާލު
އަނިޔާވެރި އިޒުރޭލުގެ މި އަމަލަށް ތާއީދުކޮށްފި ޓީޗަރަކީ ދިވެހި އުއްމަތާ ދެކޮޅަށް ތެދުވި މީހެއް. ތިޔަ އެޅުއްވި ފިޔަވަޅަށް ދިވެހިން ގެ ނަމުގައި ޝުކުރު ދަންނަވަން.