ހދ. ހަނިމާދޫ ސްކޫލް ދަރިވަރަކާއި އެރަށުން އިތުރު މީހަކު ނުރައްކާތެރި ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންއަށް ލައިފިއެވެ.
މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވް ވެފައި ވާ ދެމީހުންނަކީ އެއްގެއެއްގައި އުޅެމުން އަންނަ ދެ މީހުންނެވެ.
އެ ދެ މީހުން ޕޮޒިޓިވް ކަން އެނގިފައިވަނީ ރޯގާ ޖެހިގެން އެރަށު ފުލޫ ކްލިނިކަށް ދެއްކުމުން ކޮވިޑަށް ޓެސްޓް ކުރުމުންނެވެ. އެދެމީހުންގެ ނަތީޖާ ލިބިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މި ދެމީހުން ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނިޓަރިންއަށްލާފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މި ބަލި ވަނީ އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްތަކަކުންވެސް ފެނިފައެވެ. އެގޮތުން މިހާރުވެސް އަތޮޅު ތެރޭގެ 69 ރަށެއް އޮތީ ކޮވިޑާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.
ހަނިމާދޫއާއެކު ހދ. ގެ 3 ރަށެއްވެސް މިވަގުތު އޮތީ މޮނިޓަރިންގައެވެ. އެއީ ހދ. މަކުނުދޫއާއި އެ އަތޮޅު ނޭކުރެންދޫއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ މާލެ ސަރަހައްދަށާއި އަތޮޅު ތެރެއަށްވެސް ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައެވެ. އެގޮތުން އަތޮޅު ތެރޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފައިވާއިރު، މާލޭގައި އަންނަނީ ކާފިއު ހިންގަމުނެވެ.
މީގެ އިތުރުން ސަރުކާރުގެ އޮފީތަށް ނުހުޅުވާ ގޮތަށް ހަމަޖައްސާފައިވާއިރު، މި ހިނގާ ދިރާސީ އަހަރު ނިމެންދެން މާލޭގެ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިޔަށް ގެންދާ ގޮތަށްވެސް ވަނީ ނިންމާފައެވެ.



