ފްލޫ ކްލިނިކަށް ދެއްކި ޒުވާނަކު ޕޮޒިޓިވްވެ، މ. މުލަކަށްވެސް އަރައި ފޭބުން މަނާ ކޮށްފިއެވެ.
މުލަކް ހެލްތު ސެންޓަަރުން ފެށުމާއި މަޢުލޫމާތު ޙިއްސާކުރަމުން ވިދާޅުވީ، އެރަށު ފްލޫ ކްލިނިކަށް ދެއްކި ދެއްކި ޒުވާނަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށާއި، އަދި މިއީ މިމަހުގެ 19 ވަނަ ދުވަހު ނެގުނު ސާމްޕަލްއެއްކަމަށެވެ.
އެރަށުން ޕޮޒިޓިވްވެފައިވަނީ ފިރިހެނެކެވެ. އަދި ޕޮޒިޓިވްވި ޒުވާނާއަށް ފުރަތަމަ ކޮޅު ބަލީގެ އުދަނގޫ ވަރަށް ބޮޑުވިނަމަވެސް، މިހާރު ޙާލު ރަނގަޅުކަމަށްވެސް ހެލްތު ސެންޓަރުންވަނީ މަޢުލޫމާތު ދީފައެވެ.
އަދި ޕޮޒިޓިވްވި ޒުވާނާ މިފަހުން އެހެން ރަށަކަށް ދަތުރުކޮށްފައިނުވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ކޮންޓެކްޓް ޓްރެސިން ހެދުމަށް މުލައް މިހާރު މޮނިޓަރިންގއަށް ލާފައިވާއިރު، މިކޭސްއާއި ގުޅިގެން މާދަމާގެ ވަގުތެއްގައި ސާމްޕަލްތައް ނަގަން ފަށާނެކަމަށް އެރަށު ހެލްތުން މަޢުލޫމާތު ދެއެވެ.
ޕޮޒިޓިވްވި ޒުވާނާއަކީ ރެސްޓޯރެންޓް، ހޮޓާ ފަދަ އާންމުން އެއްވެ އުޅޭ ތަންތަނަށް އާންމުކޮށް ދާ ޒުވާނެއްކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މީގެކުރިން އެރަށުން ކޮވިޑްގެ 3 ކޭސްއެއްވަނީ ފެނިފައެވެ. ނަމަވެސް އެއީ ހޯމް ކަރަންޓީނުގައި ތިބި ބައެކެވެ.
މުލަކުން ފެނުނު ކޮވިޑް-19 ގެ މިކޭސްއާއި ގުޅިގެން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ބޭނުންތަކަށް ގެއިން ނުނުކުތުމަށް އެރަށު ކައުންސިލުންވަނީ އަންގާފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަންނަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ. މި ބައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ މަތިވަމުންނެވެ.
ވެރިރަށް މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 70 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ.




