ފޮޓޯ: ޕޮލިސް ލައިފް

މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. މާފަރު ޕޮލިސް ސްޓޭޝަނާއި، ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަން އަދި ތ. ހިިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކުގައި ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިރިހެނެއް ކަމަށާއި މި ތިން މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ތިން މީހުންގެ ތެރެއިން 21 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ފުލުުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވެއެވެ.

ނ. މާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފަރު ޕޮލިސް ސްޓޭޝަނާއި މަނަދޫ އަދި ލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 19 ވަނަ ދުވަހުގެ 17:00 ހާއިރު 23 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކު ކަނޑުމަތިން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެވަގުތު އެމީހުންގެ އަތުން މޫދަށް އެއްލާލި ފުޅިއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން މާލޭން ފުރައިގެން ތ. ހިރިލަންދުއަށް ދަތުރުކުރި ދޯންޏަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި އެ ދޯނި ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ހޯދާފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ