ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ އަޙްމަދު ފާތިޙުގެ އަންހެނުންގެ ފޯނު ފުލުހުން ހިފަހައްޓައިފި ކަމަށް މި ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
ފާތިޙުގެ އަންހެނުންގެ ފޯނު ފުލުހުން ހިފަހައްޓި ނަމަވެސް މިކަމާއި ގުޅޭ މަުލޫމާތު ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ.
ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބ. ދަރަވަންދޫ އިންއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ގެއިން ނުކުމެގެން ކާރުކޮޅަށް އެރުމަށް ދިޔަ މަގުމަތީގައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިހާތަނަށް 4 މީހަކު ހައްޔަރުކޮށްފައިވާއިރު މައްސަލައިގެ ތަހުގީގަށް ލިބެމުންދާ ކުރިއެރުންތަކުގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
އެމަނިކުފާނަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާއި ގުޅިގެން ލިބުނު އަނިޔާތަކަށް އެމަނިކުފާނު ޖަރުމަނުގައި ފަރުވާ ހޯއްދެވުމަށްފަހު މިދިޔަ ހުކުރު ދުވަހު އެމަނިކުފާނު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.



