ރާއްޖެއާ ދުރުން ބަންގާޅުކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތްކަމަށް މޯލްޑިވް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މެޓް އޮފީހުން ވިދާޅުވީ، ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ ސަރަޙައްދުގައި ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
"ޢާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވެފައި ވެއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވި، ރާއްޖެއާ ދުރުން ބަންގާޅުކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ ތޫފާނަކަށްވުމުގެ ފުރުޞަތު އެބައޮތް ކަމަށާއި ލަފާކުރެވޭގޮތުގައި މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރު ހުޅަނގުއުތުރަށް ރާއްޖެއާ ދުރަށް ކަމަށެވެ.
ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައި ވެއެވެ.



