ކޭބަލް ކާރެއް ފަރުބަދައެއްގެ މައްޗަށް ވެއްޓި 13 މީހުން މަރުވެ ކުޑަ ދެކުދިންނަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މިހާދިސާ ހިނގައިފައިވަނީ އިޓަލީވިލާތުގެ އުތުރުގެ ސަރަހައްދެއްގައި މިއަދުގެ ވަގުތެއްގައެވެ. މިހާދިސާ ހިނގި ކޭބަލް ކާރު ދަތުރުކުރާ މަގަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަގެކެވެ. މި މަގުގައި ދަތުރުކުރާ ކޭބަލްކާރު ދަތުރު ކުރަނީ ކަނޑުގެ ލޮނުގަނޑަށްވުރެ 1،400 މީޓަރު މަތީގައިވާ ފަރުބަދައަކަށެވެ. މި ދަތުރުގެ ދިގުމިނަކީ 20 މިނެއްޓެވެ.
މީސްމީޑިއާގައި ދައުރުވާ ފޮޓޯއަކުން ފެއްނަ ގޮތުގައި ޖަންގަލީގެ ސަރަހައްދަކަށް ކޭބަލްކާރު ވެއްޓިވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މިހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި ނޭންގޭއިރު ބަޔެއް ރިޕޯޓުތައް ބުނާގޮތުން ކާރު ވެއްޓެން ދިމާވީ އެ ދަތުރުކުރުމަށް ބޭނުންކުރި ކޭބަލްއަށް ފަރުބަދަމަތިން ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އިޓަލީވިލާތުގެ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާދިސާ ހިނގައިފައިވަނީ އިޓަލީވިލާތު ގަޑިން މިއަދު 12:30 ހާއިރުކަމަށެވެ. އަދި ހާދިސާ ހިނގިއިރު ކޭބަލްކާރު ހުރި އުސްމިނަކީ 328 ފޫޓު ކަމަށެވެ.
މީހުން ސަލާމަތްކުރާ ފަރާތްތަކުން ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، އިޓަލީވިލާތުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކުރާ ގޮތުގައި ހާދިސާ ހިނގިއިރު އެ ކޭބަލް ކާރުގައި 15 މީހަކު ދިއައީ ދަތުރުކުރަމުންނެވެ.



