ގެއްްލިގެން ހޯދަމުންދިޔަ ތުއްތު ކުއްޖަކު އެހާދިސާ ކަވަރުކުރުމަށް ދިޔަ ނޫސްވެރިއަކަށް ފެނިއްޖެ

އިޓަލީވިލާތުން ގެއްލިގެން ހޯދަމުންދިޔަ 21 މަހުގެ ތުއްތު ކުއްޖަކު އެ ޚަބަރު ކަވަރުކުރަން ދިޔަ ނޫސްވެރިއަކަށް ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔަ މި ތުއްތު ކުއްޖާ ފެނިފައިވަނީ، އެކުއްޖާގެ ގެއާއި އެތަކެއް ކިލޯމީޓަރު ދުރުންނެވެ. ތުއްތު ކުއްޖާ ގެއްލުމުގެ ކުރިން އެންމެފަހުން ފެނިފައިވަނީ ހޯމަދުވަހުގެރޭ އެކުއްޖާ ނިދާ ކޮޓަރިތެރެއިން ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އާއިލާގެ ފަރާތުން ތުއްތު ކުއްޖާ ގެއްލުނުކަމަށް ރިޕޯޓު ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.

މި ތުއްތު ކުއްޖާ ފެނުނު ނޫސްވެރިއާ ބުނީ ތުއްތު ކުއްޖާ ފެނިފައިވަނީ، ކުއްޖަކު ގެއްލިގެން އުޅޭކަމުގެ ޚަބަރު ލިބިގެން އެކަން ކަވަރު ކުރުމަށްޓަކައި ކުއްޖާ ދިރިއުޅުނު ގެޔަށް ދަތުރުކުރުމުގެ މަގުމަތީ ކުޑަކުއްޖަކު ރޯއަޑު އިވިގެން ހޯދި ހޯދުމުން ކަމަށެވެ. ކުއްޖާ ފެނުމާއެކު މިކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުން އެއްވެސް ގެއްލުމެއް ލިބިފައިވާކަމަކަށް ނުދައްކާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހާދިސާ ހިނގިގޮތަށް ބަލައި ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ތުއްތު ކުއްޖާ ގެއްލުނު ކަމަށް ބެލެވެނީ، ރޭގަނޑު ހޭލެވުމުން އަމިއްލައަށް ގެއިން ބޭރަށް ހިނގައިފައި ނުކުތުމުން ކަމަށެވެ.

ތުއްތު ކުއްޖާ ގެއްލުނު ޚަބަރާއެކު ހޯދުމުގެ މަސައްކަތަށް ހެލިކޮޕްޓަރަކާ، 1،000 ގާތްކުރާ އަދަދަކަށް މީހުން ހަރަކާތްތެރިވެފައި ވެއެވެ. މީގެތެރޭގައި ފުލުހުންނާއި ފަޔާފައިޓަރުންވެސް ހިމެނެއެވެ.

 

މިލިޔުން ކިޔާލުމުން
25531
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ