އިންޑިއާއިން ބުލެކްފަންގަސް ޖެހުނު މީހުންގެ އަދަދު 9،000 ގާތްކޮށްފި

އިންޑިއާއިން ބުލެކް ފަންގަސް ނުވަތަ މިއޮކޯމައިކޮސިސް ބަލި ޖެހުނު މީހުންގެ އަދަދު 8،800 އަށްވުރެ އިތުރުވެއްޖެއެވެ.

ވަރަށް މަދުން ނޫނީ ނުފެއްނަ މިބަލި އިންޑިއާއިން ފެއްނަން ފަށައިފައި މިވަނީ، އެގައުމަށް ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އަސަރުކޮށް އޭގެ ސަބަބުން އެގައުމުގެ ސިއްހީ ނިޒާމަށް ނުހަނު ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މިއޮކޯމައިކޮސިސް ޖެހުމުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލާން ދަތިވެ، ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ ކަންކަން ދިމާވެއެވެ. އަދި ހަކުރު ބަލި ހުންނަ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް އެ ބަލި ޖެހުމުން ފުރާނައަށް ނުރައްކާވެދާނެއެވެ.

ޑޮކްޓަރުން ވިދާޅުވާގޮތުގައި އިންޑިއާއިން މިބަލި މިހާރު މިހާ ގިނައަދަދަކަށް ފެއްނަން ފަށައިފައި މިވަނީ ކޮވިޑް-19 އަށް ފަރުވާކުރުމަށް ބޭނުންކުރާ ސްޓްރޮއިޑެއްގެ ސަބަބުންކަމަށް އެކަށީގެންވެއެވެ. ޑޮކްޓަރުންގެ މިބަހަށް ބާރުލިބެނީ މިހާތަނަށް މިބަލި ޖެހުނު ގިނަ މީހުންނަކީ ކޮވިޑް-19 އަށް ފަރުވާކޮށް މިބަލިން ރަނގަޅުވެފައިވާ މީހުންނާއި އަދި މިބަލިން ރަނގަޅުވަމުން އައްނަ މީހުންކަމަށް ވާތީއެވެ.

މިއޮކޯމައިކޮސިސް މިބަލީގައި މީހުން މަރުވުމުގެ ނިސްބަތް 50 އިންސައްތައިގައި އުޅޭއިރު ބަލި ފެތުރުން ހުއްޓުވުމަށް، ފަންގަސް ފެތުރިފައިވާ ގުނަވަނެއް ނަގަން ޖެހޭފަހަރުވެސް އާދެއެވެ. މިގޮތުން މިބަލި ޖެހުނު ގިނަ މީހުންގެ ލޯ މިހާތަނަށްވަނީ ނަގައިފައެވެ. ބީބީސީއަށް މައުލޫމާތު ދިން ޑޮކްޓަރުން ވިދާޅުވާގޮތުގައި ކޮވިޑް-19 އިން ރަނގަޅުވާތާ 12 ދުވަހާއި 18 ދުވަހާއި ދޭތެރޭގައި މިބަލި ޖެހެއެވެ.

އިންޑިއާއިން މިއޮކޯމައިކޮސިސް ބަލި ޖެހިގެން މިހާތަނަށް ރިޕޯޓުކުރި މީހުންގެ ތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނަ މީހުންނަކީ އިންޑިއާގެ ހުޅަނގުގެ ސްޓޭޓުތައް ކަމަށްވާ ގުޖުރާތު އަދި މަހާރަސްތުރައަށް ނިސްބަތްވާ މީހުންނެވެ. މިބަލިވަނީ މި ދެ ސްޓޭޓުގެ އިތުރުން 15 ސްޓޭޓަކުންވެސް ފެނިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ