ފުރަބަންދޭ ނުކިޔާ "އެހެން ގޮތަކަށް" މާލެ ފުރަބަންދު ކޮށްފިއެވެ.
މީގެ ކުޑަދުވަސްކޮޅެއް ކުރިން މި ހަފްތާ ތެރޭގައި މާލެ ފުރަބަންދު ކުރަން އުޅޭކަމަށް ބުނެ މީޑިއާގައި ވާހަކަތައް ތިލަވިއެވެ. ނަމަވެސް މި ވާހަކަތައް ދޮގުކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މާލެ ސަރަހައްދުގައި އަންނަ ބުދަ ދުވަހުން ފެށިގެން އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަމަށާއި، ނަމަވެސް މާލެ ސަރަހައްދު ލޮކްޑައުން ކުރަން ސަރުކާރުން ނިއްމާފައިނުވާ ކަމަށެވެ.
އެ ފިޔަވަޅުތަކުގެ ތަފްސީލު ދިނުމަށް މިއަދު ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި، މި މަހުގެ 26 އިން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު 16:00 އިން ހެނދުނު 08:00 އަށް ކާފިއު ހިންގަން ނިންމާފައިވާކަން ވަނީ އިއުލާންކޮށްފައެވެ.
އަދި ކާފިއު ނޫންގަޑިތައް ކަމުގައިވާ، ހެނދުނުު 8:00 އިން މެންދުރު 12:00 އަށް ބޭރުގައި އުޅުމަށް ފާސް ބޭނުންވާނެކަމަށް އެޗްއީއޯސީ އިން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް މީގެ ކުރިން ކާފިއު ނޫންގަޑިތަކުގައި ބޭރުގައި އުޅުމަށް ފާހެއް ނުވަތަ ހާއްސަ ހުއްދައެއް ބޭނުމެއްނުވެއެވެ.
މާލެ ސަރަހައްދުގައި 16 ގަޑިއިރަށް ކާފިއު ހިންގަން ނިންމައިފައިވާއިރު، އެޗްއީއޯސީ އިން ވިދާޅުވީ، ކާފިއު ނޫންގަޑިތަކުގައި ބޭރަށް ނުކުތުމަށް ކޮންމެގެއަކަށް ދޫކުރާނީ ދެ ފާސްކަމުގައެވެ. އަދި ކާފިއު ނޫން ގަޑީގައި ބޭރަށް ނުކުންނަން ދޫކުރާ ފާސް ބޭނުންކުރެވޭނީ ހަމައަކެނި ޒަރޫރީ ބޭނުމަށް ކަމަށް އެޗްއީއޯސީ އިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ފާހާއެކު ބޭރަށް ނުކުންނަ ވަގުތުތަކުގައި މާލެ ސަރަހައްދު އޮންނަނީ ދެ ޒޯނަކަށް ބަހާލާފައިއެވެ. އެގޮތުން ހުޅުމާލެ ވަކިޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ކާފިއު ނޫން ގަޑީގަ ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް ހުއްދަ ލިބުނުކަމުގައިވިޔަސް މާލޭގައި އާއި ހުޅުމާލެ އާއި ދެމެދު ދަތުރެއް ނުކުރެވޭނެއެވެ.





ހިޔާލު
ތާހިރެންނު. ފުރަބަންދޭ ނުކިޔަން ވެގެން